15 Feb 2015, 11:54
ވ. ރަކީދޫގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރާލާފައި އޮއްވައި ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ބަލައިނުގަތީ އޭނާ މަގާމުން ވަކިވިތާ ތިން އަހަރު ނުވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ، އެ ކޯޓުން އާންމުކޮށްފައިވާ "ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި އަމަލުކުރަންވީގޮތުގެ އުސޫލު"ގައި ވާގޮތުން ޕްރޮސިކިއުޓާ ޖެނެރަލް އާއި އޭނާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ މީހަކަށް ޖިނާއީ މައްސަލައެއްގައި ވަކާލާތު ކުރެވޭނީ މަގާމުން ވަކިވާތާ ތިން އަހަރު ވުމުން ކަމަށެވެ.
"ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި އަމަލުކުރަންވީގޮތުގެ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) ގެ ހަތަރު ވަނަ ނަންބަރުގައި ވަރަށް ސާފުކޮށް އެބަ ބަޔާންކުރޭ މަގާމުން ވަކިވާ ދުވަހުން ފެށިގެން ތިން އަހަރު ދުވަސް ވުމުން ނޫނީ، ޕްރޮސިކިއުޓާ ޖެނެރަލް އާއި އޭނާގެ ނައިބުކަން ކޮށްފައިވާ މީހުންނަށް ކްރިމިނަލް ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަށް،" މަނިކު ވިދާޅުވި އެވެ.
އާފިޔާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ޝަމީމް ނިންމެވީ ހިލޭސާބަހަށެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ގޮތަށް ނިންމެވީ އާފިޔާއަށް އިންސާފުވެރި ޝަރީއަތެއް ހިންގުމަށް މަގުފަހި ކުރުމަށް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އެ އުސޫލުގައިވާގޮތުން ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނަށް އެ ކޯޓުގައި ވަކާލާތު ކުރެވޭނީ މަގާމުން ވަކިވާތާ ދެ އަހަރުފަހުންނެވެ. އަދި ދައުވާ ކުރާ އިދާރާތަކާއި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި މަސައްކަތް ކުރައްވާފައިވާ ވަކީލުންނަށް ވެސް އެ ކޯޓުގައި ވަކާލާތު ކުރެވޭނީ މަގާމުން ވަކިވާތާ ދެ އަހަރުފަހުން ކަމަށް އެ އުސޫލުގައި ވެއެވެ.
މީގެއިތުރުން އެޓާނީ ޖެނެރަލް އާއި އޭނާގެ ނައިބުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންނަށް ވެސް ވަކާލާތު ކުރެވޭނީ މަގާމުން ވަކިވިތާ ދެ އަހަރު ފަހުން ކަމަށް އެ އުސޫލުގައި ވެއެވެ.