ގދ. ވާދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަސަދުﷲ ޝާފީ އަހުމަދު ކައުންސިލަރު ކަމުން އިސްތިއުފާދެއްވައިފި އެވެ.

ވާދޫ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ކަރީމް މިއަދު "ސަން" އަށް ވިދާޅުވީ، އަސަދުﷲ ޝާފީ އަހުމަދު އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ސިޓީއަކުން ކަމަށެވެ. އަދި އެ ސިޓީ ހަވާލުކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ، އަސަދުﷲގެ އިސްތިއުފާގެ ސިޓީގައި އޭނާ ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވީ ދިރިއުޅުމުގެ ކަންތައް ހުރި ގޮތުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އެބޭފުޅާގެ ސިޓީގައި މައިގަނޑު ގޮތެއްގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ކައުންސިލަރު ކަމަށް ވާދަކުރެއްވީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށް. އެހެންނަމަވެސް މި ވަގުތު ދިރިއުޅުމުގެ ކަންތައް ހުރި ގޮތުން އެންމެ އެކަށޭނަ ގޮތެއްގައި ރައްޔިތުންނަށް އެ ހިދުމަތް ކޮށްދެވެން ނެތް ވާހަކަ ސިޓީގައި ވަނީ،" ވާދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ވާދޫ ކައުންސިލް ކަމަށް އަސަދުﷲ އިންތިހާބުވެފައި ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.