15 Feb 2015, 11:31
ރ. އިނގުރައިދޫގައި އިހާނެތި ގޮތަކަށް ބަންދުކޮށްފައި އިންދައި، ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އޭނާ ސަލާމަތްކޮށްފި އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އުމުރުން 24 އަހަރުގެ އެމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅުނީ އޭނާގެ ބައްޕައާއި މަންމަ ގުޅިގެންނެވެ. އަދި އޭނާ ބަންދުކޮށްފައި އިން ކޮޓަރި، އެއްގޮތަކަށް ވެސް ނުހުޅުވައި ހުންނަތާ ދެމަހަށް ވުރެ ވަނީ ގިނަވެފައެވެ. އެމުއްދަތުގައި އޭނާއަށް ކާން ދެމުން އައީ ވެސް ދޮރު ދަށުން ކާތަކެތި ވައްދައިގެން ކަން ވަނީ އެނގިފައެވެ. އަދި އޭގެ ކުރިން ފާއިތުވި ހަތަރު އަހަރު ދުވަހު ވެސް އޭނާއާ މެދު އާއިލާއިން އަމަލުކޮށްފައި ވަނީ ވަރަށް އިހާނެތިކޮށެވެ.
އިނގުރައިދޫ ރަށު ކައުންސިލުން ބުނީ އަންހެން ކުއްޖާ ސަލާމަތް ކުރީ ޖެންޑާ މިނިސްޓްރީގެ އޮފިޝަލުންނާއި ފުލުހުން ގުޅިގެން އިއްޔެ ކަމަށެވެ. އަދި ބުނީ، އޭނާއަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދީފައިވާކަން ނުވަތަ ނޫންކަން ކައުންސިލަށް އަދި ނޭނގޭ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 24 އަހަރުގެ އަންހެނަކު ބެލުމުގައި އިހުމާލުވެ، ކަރާމާތަށް އުނިކަން އަންނަ ގޮތަށް އާއިލާއިން އަމަލުކުރާކަން އެނގިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ، ޖެންޑާ މިނިސްޓްރީގެ ހިމާޔަތުގެ ދަށަށް އޭނާ ގެނެސްފައިވާ ކަމަށެވެ.