15 Feb 2015, 11:17
އިއްޔެ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ކ. ދިއްފުށީގެ ޓީމަކާ ވާދަކޮށް، 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް މެޗު ކާމިޔާބު ކޮށްފި އެވެ.
ކ. ދިއްފުށީ ދަނޑުގައި އިއްޔެ ކުޅުނު އެ މެޗުގައި، ނިއުއަށް މިދިޔަ ހަފްތާގެ ތެރޭ ގެނައި ޑީއާރް ކޮންގޯގެ ސްޓްރައިކަރު ޑޭވިޑް މޯލީ ވަނީ ހެޓްރިކެއް ހަދާފައެވެ. އޭގެ އިތުރުން މިދިޔަ ހަފްތާގައި ނިއުއާ އަލަށް ގުޅުނު ސްލޮވޭކިއާގެ މިޑްފީލްޑަރު ވިލިއަމް މެކޯ އެ މެޗުގައި ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ.
ނިއުގެ ބާކީ ދެ ލަނޑު މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އަހުމަދު ސުހެއިލް (ބަންޕުޗް) ކާމިޔާބު ކުރިއިރު، އެ މެޗުގައި ދިއްފުއްޓަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އިޖުލައިލް (އިޖޭ) އެވެ.
ދިއްފުށީ ޓީމާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ އިތުރުން، މީގެ ހަފްތާއެއް ކުރިން ކ. ތުލުސްދޫގެ ޓީމަކާ ވާދަކޮށް، އެ މެޗުވެސް ނިއު ވަނީ ތަފާތުބޮޑު 13-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.

ނިމިގެން ދިޔަ ޕީޕަލްސް ކަޕްގައި ނިއުއަށް ރަނގަޅު ނަތީޖާއެއް ހޯދިފައި ނުވާއިރު، އެ މުބާރާތް އެ ޓީމް ނިންމާލީ ތާވަލްގެ އެންމެ ފުލުގައި އޮވެގެނެވެ. އަދި އެ މުބާރާތަށް ފަހު، އެޓީމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓީމަށްގެނައި ބިދޭސީ ތިން ކުޅުންތެރިން ދޫކޮށްލާފައި ވާ އިރު، އެ ކުޅުންތެރިންގެ ބަދަލުގައި ނިއުއަށް ހަތަރު ބިދޭސީ ކުޅުންތެރިއަކު ވަނީ މިދިޔަ ހަފްތާގައި ގެނެސްފައެވެ.
ނިއު ދެން އެންމެ އަވަހަށް ވާދަކުރާ އޮފިޝަލް މުބާރާތަކީ އޭއެފްސީ ކަޕެވެ. އެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ނިއު ނިކުންނާނީ އިންޑޮނޭޝިއާގެ ކްލަބެއް ކަމަށްވާ ޕާސިބް ބަންޑަންގްއާ ދެކޮޅަށެވެ. އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އިންޑޮނޭޝިއާގަ އެވެ.