ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ ލަކަރޫންޔާ އާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ރެއާލް މެޑްރިޑް އަނެއްކާވެސް ތާވަލްގައި ލީޑު ފުޅާކޮށްފި އެވެ.

ރޭގެ ނަތީޖާއާއެކު މިހާރު ތާވަލްގައި އެ ޓީމް މުޅިއެކު 57 ޕޮއިންޓް ހޯދާފައި ވާއިރު، އެ ޓީމާ އެންމެ ގާތުން ވާދަކުރާ ބާސެލޯނާއަށް ލިބިފައި ވަނީ 53 ޕޮއިންޓެވެ. ނަމަވެސް ރެއާލް ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެފައި ވާއިރު، ބާސާ މިރޭ ލެވަންޓޭއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ ރެއާލްއާ މެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަ ކޮށްލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ރޭގެ މެޗު ރަނގަޅު ހަމަލާއަކާ އެކު ފެށީ ޑިޕޯޓިވޯ އެވެ. ނަމަވެސް މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމްގެ ކުއެންކާ އުފެއްދި ހަމަލާ ރެއާލްގެ ކީޕަރު ކަސިޔަސް ސޭވް ކުރިއިރު، އޭގެ މިނެޓެއް ފަހުން އޭނާ ނެގި ޝޮޓުގެ ހުރަކަށްވެސް ވީ ކަސިޔަސް އެވެ.

ޑިޕޯޓިވޯ މެޗު ރަނގަޅު ފޯމެއްގައި ފެށި ނަމަވެސް، ރެއާލް ވަނީ ހަމައަކަށް އެޅި މެޗުގައި ކުޅުން ރަނގަޅު ކޮށްފައެވެ. އަދި 13 ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅައެއް ޑިޕޯޓިވޯގެ ގޯލް ދަނޑިއަށް އަމާޒުވިއިރު، 19 ވަނަ މިނެޓުގައި ބޭލް ފޮނުވާލި ބޯޅަވެސް އަމާޒުވީ ޑިޕޯޓިވޯގެ ގޯލް ދަނޑިއަށެވެ.

މެޗުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން ދިޔަ ރެއާލްއަށް ލީޑު ލިބުނީ 22 ވަނަ މިނެޓުގައި އިސްކޯ ކާމިޔާބު ކުރި ލަނޑުންނެވެ. ލިބުނު އެއް ލަނޑުގެ ލީޑާއެކު ރެއާލް އިތުރަށް މަސައްކަތް ކުރި ނަމަވެސް، ފުރަތަމަ ހާފްގައި އެ ޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކުރެވެގޮތް ނުވެފައެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ ހަތަރު މިނެޓުތެރޭ ޑިޕޯޓިވޯގެ ބޯޖެސްގެ ބާރު ޝޮޓެއް ރެއާލްގެ ގޯލް ދަނޑިއަށް އަމާޒުވެގެން ދިޔައިރު، ރިބައުންޑުގައި އެ ޓީމްގެ ރިއޭރާ ފޮނުވާލި ބޯޅަ ދިފާއު ކުރީ ކަސިޔަސް އެވެ. ދެވަނަ ހާފް ފެށިއިރު ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ޖައްސާލައިން ކުޅުނު ޑިޕޯޓިވޯ ރެއާލްގެ ޑިފެންސަށް ޕްރެޝަރުތަކެއް ކުރިމަތި ކުރުވި ނަމަވެސް، އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ވަނީ ނުވެފައެވެ.

ރެއާލްގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 73 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ ފަރާތުންނެވެ. އެ ލަނޑާއެކު އިތުރު ލަނޑެއް ކާމިޔާބު ކުރަން ރެއާލް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުކޮޅު ޑިޕޯޓިވޯގެ ފަރާތުންވެސް މާ ރަނގަޅު ހަމަލާތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ.