15 Feb 2015, 10:06
ރިޔާޟް (ފެބްރުއަރީ 15) : ޙޫޘީ ޖަމާއަތުން ޔަމަންގެ ވެރިކަމުގެ ނިޒާމަށް އަތްގަދަކޮށް ސިޔާސީ ހަރަކާތްތައް ހައިޖެކްކޮށްފައިވާ ކަމަށް ބުނެ އެޖަމާއަތާ ދެކޮޅަށް އދ.ގެ ޗާޓަރުގެ 7 ވަނަ މާއްދާގެ ދަށުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފި އެވެ.
ގަލްފުކޯޕަރޭޝަން ކައުންސިލުން ހޫޘީ ޖަމާއަތާދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ޖީސީސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މި ޖަލްސާއަކީ އިސްތިސްނާއީ ޖަލްސާއެކެވެ. މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ގަތަރުގެ ޚާރިޖީ ވަޒީރު ޑރ. ޚާލިދު ބިން މުޙައްމަދު ޢަތިއްޔާއެވެ. ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒުގެ ވައިގެ ބޭހެއްގައި ބޭއްވި މިޖަލްސާ އިފްތިތާޙް ކޮށްދެއްވަމުން ޑރ. ޢަތިއްޔާ ވިދާޅުވީ ހޫޘީ ޖަމާއަތުން ޔަމަންގެ ވެރިކަމަށް އަތްގަދަކުރުން ގަބޫލުނުކުރެވޭނެ ކަމަށާއި އެއީ ޣައިރު ޝަރުޢީ ކަމެއްކަމުގަ އެވެ. އަދި ޔަމަންގެ ޝަރުޢީ ވެރިއަކީ އިސްތިއުފާ ދެއްވި ރައީސް އަބްދުރައްބު މަންސޫރު ހާދީ ކަމަށާ ޙޫޘީން، ޔަމަންގެ ޝަރުޢީ ވެރިކަން އަލުން އަނބުރައި އިޢާދަކުރުމަށް ހުރަސްއަޅާ ކަމަށްވެސް ޢަތިއްޔާ ވިދާޅުވި އެވެ.
މިޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ގަލްފުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންވަނީ ޔަމަންގެ ޝަރުޢީ ވެރިކަން ޙިސާރު ކުރުމުގައި ޙޫޘީން ދެމިތިބޭނަމަ އެގައުމުތަކުން އެ ޖަމާއަތާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް ވަކިފިޔަވަޅުތަކެއް އިޢްލާންކޮށްފައެއްނުވެއެވެ. ނަމަވެސް ހޫޘީންނާ ދެކޮޅަށް އިގްތިސާދީގޮތުންނާއި ވިޔަފާރީގެ ގޮތުންނާ އަދި ޑިޕްލޮމެޓިކް ގޮތުން އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކަކާ ބެހޭ ގޮތުން ޖީސީސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވި ކަމަށް އަލްޖަޒީރާ ބުނެއެވެ. (އަލްޖަޒީރާ)