ކޯޕަންހޭގަން (ފެބްރުއަރީ 15) : ޑެންމާކުގެ ވެރިރަށް ކޯޕަންހޭގްގައި ހުންނަ ޔަހޫދީ ފައްޅިއެއްގެ ކައިރީގައި ރޭގެ ވަގުތެއްގައި މީހަކު ދިން ބަޑީގެ ޙަމަލާތަކެއްގައި އެކަކު މަރުވެ ދެމީހުން ޒަޚަމްވެއްޖެ އެވެ.

ޑެންމާކުގެ ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއް ބުނި ގޮތުގައި ބަޑީގެ މި ޙަމަލާދިނީ އެކަކު ކަމަށް ބެލެވޭކަމަށާ ފުލުހުން އައުމުގެ ކުރިން އެމީހާ ފިލާފައިވާ ކަމުގަ އެވެ. މިޙަމަލާގެ ތަންކޮޅެއްކުރިން އިއްޔެ ހަވީރުގެ ވަގުތެއްގައި ކޯޕަންހޭގްގައި ކުރިޔަށްދިޔަ ބައްދަލުވުމަކަށް އަމާޒުކޮށް ވެސް ހަތިޔާރުއެޅި ބަޔަކު ވަނީ ބަޑީގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި އާންމުންގެ މީހަކު މަރުވެ ފުލުހުންގެ ތިން މީހުން ޒަޚަމްވެފައިވާ ކަމަށާއި ރޭގެ ދިން ޙަމަލާއާ އިއްޔެ ހަވީރުގެ ހަމަލާއާ ގުޅުންހުރިކަން ނުވަތަ ނޫންކަން އެނގިފައި ނުވާކަމަށް ވެސް ޑެންމާކުގެ ފުލުހުން ބުނެ އެވެ.

އިއްޔެ ހަވީރުދިން ބަޑީގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ކޯޕަންހޭގްގައި ހުންނަ ސަގާފީ މަރުކަޒެއްގައި ބޭއްވި ބައްދަލުވުމަކަށް ކަމަށް ޚަބަރުލިބެ އެވެ. އެބައްދަލުވުމަކީ ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް ކާޓޫން ކުރެހުމަށް މަޝްހޫރު ސްވިޑްގެ ރައްޔިތެއް ކަމަށްވާ ލާސް ފިލިކްސް އާއި ޑެންމާކުގައި ހުންނަވާ ފަރަންސޭސިވިލާތުގެ ސަފީރު ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއް ކަމަށް ޑެންމާކުގެ ރިތްސާވް ނޫސްއެޖެންސީ ބުނެފައިވެ އެވެ. ލާސް ފިލިކްސް އަކީ 2007 ވަނަ އަހަރު ކީރިތި ރަސޫލާ (ސޢވ) އަށް ފުރައްސާރަކޮށް ކާޓޫން ކުރަހައިގެން މުސްލިމުންގެ ރުޅިއާއި މުސްލިމުންގެ ދުޝްމަނުންގެ ސަމާލުކަން ހޯދާފައިވާ ހަރުކަށި ވިސްނުމުގެ މީހެކެވެ.

ޑެންމާކުގެ ފުލުހުން ބުނާ ގޮތުން ސަގާފީ މަރުކަޒުގައި އޮތް ބައްދަލުވުމަށް އަމާޒުކޮށް ޙަމަލާދިން ކަމަށް ޝައްކުކުރެވޭ ހަތިޔާރުއެޅި މީހުން ވެސް ވަނީ ފުލުހުންގެ އަތްދަށުނުވެ އެމަސްރަޙުން ފިލައިގެން ގޮސްފައެވެ. ނަމަވެސް އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި އަދި ސަރަހައްދީ ރޮނގު ހުރަސްކޮށް ފިލުމުގެ ފުރްސަތު އެމީހުންނަށް ނޯންނާނެ ކަމަށް ވެސް ޑެންމާކު ފުލުހުން ގެ ބަޔާނެއް ބުނެ އެވެ.

ސަގާފީ މަރުކަޒަށްދިން ޙަމަލާ އަމާޒުކުރި ބައްދަލުވުމުގައި ފަރަންސޭސި ސަފީރު ހުންނެވުމާގުޅިގެން ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސްވަނީ އެޙަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި އެއީ ފިނޑިބަޔަކު ދިން ޙަމަލާއެއް ކަމަށް ސިފަކުރައްވާފައެވެ. (ރޮއިޓާސް)