ރާއްޖެ ޓީވީ އުފެއްދި މަގުސަދާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، އެ ޓީވީ ސްޓޭޝަންގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި އިބްރާހިމް ވަހީދު (އަސްވާޑާ) އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އަސްވާޑު އިސްތިއުފާ ދެއްވާފަވާއިރު އަސްވާޑު އެ ޗެނަލުން ވަކިވެވަޑައިގެންނެވީ، ސަރުކާރުގެ އިސް ބޭފުޅަކު ފަންޑުކުރާ ޓީވީ ޗެނަލެއް ހެދުމުގެ މަސައްކަތުގައި ބައިވެރިވިކަން ފަޅާއެރުމުން ކަމަށް ރާއްޖެ ޓީވީ އިން އިއްޔެ ވަނީ ބުނެފަ އެވެ.

އަދި ރާއްޖެ ޓީވީ އިން ކުރަމުންދާ ތުހުމަތަކީ ޓޫރިޒަމް މިނިސްޓަރު އަދީބަށް ރަށްދުވާ ތުހުމަތެއް ކަމަށް ބައެއް ބޭފުޅުން ބުނަމުންދާއިރު ރޭ އަދީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީ އަދި އަސްވާޑާ އޭނައާ ގުޅުމެއް ވާކަމަށް ކުރާ ތުހުމަތުތައް ދޮގުރާ ކަމަށެވެ.


ޑެޕިއުޓީ ސީއީއޯގެ މަގާމުން އަސްވާޑު އިސްތިއުފާ ދެއްވާފައިވާއިރު، ރާއްޖެ ޓީވީގެ އެޑްވައިޒަރެއްގެ މަގާމުގައި މިހާރުވެސް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އަދި ރާއްޖެ ޓީވީގެ ބެލުންތެރިން ދަނީ ސޯޝަލް މީޑިއާގައި ރާއްޖެޓީވީ ފިކުރު ބަދަލުވެފައިވާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.