15 Feb 2015, 09:28
އިސްރާއީލު މީހެއްގެ ކާރަށް ގާއުކައި އެގައުމުގެ ސިފައިންނަށް ހަމަލާދިނުމަށް ވަޅިއެއް ގެންގުޅުނު ކަމުގެ ތުހުމަތު އަޅުވައި، އެ ގައުމުގެ ޖަލަށްލި ފަލަސްތީނުގެ އުމުރުން 14 އަހަރުގެ ދަރިވަރު މިނިވަން ކޮށްފި އެވެ.
ސްކޫލް ނިންމާފައި ގެއަށް ދަނިކޮށް ފަލަސްތީނުގެ ބެއިޓިން އިން މަލަކް އަލް ކާތިބް އިސްރާއީލުގެ ސިފައިން ހައްޔަރު ކޮށްފައި ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި އިސްރާއީލުގެ އަސްކަރީ ކޯޓަކުން އޭނާ ދެ މަސް ދުވަހަށް ޖަލަށް ލައި، 1540 ޑޮލަރުން ޖޫރިމަނާ ކުރި އެވެ.
ނަމަވެސް މަލަކް މިނިވަން ކޮށްފައި ވަނީ، އުމުރުން ހަގު ވުމުގެ ސަބަބުން އޭނާގެ މައްޗަށް ކުރި ހުކުމުގައި ބާކީ އެއް މަސް ދުވަސް އޮތްވައި ކަމަށް އޭއެފްޕީގައި ބުނެފައިވެ އެވެ. މަލަކް މިނިވަންކޮށްފައި ވަނީ އިއްޔެ އެވެ.
މަލަކް ހައްޔަރުކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށް އިސްރާއީލަށް ފާޑުކިޔައި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި ފަލަސްތީނިއަން ޕްރިޒަނާސް ކްލަބުން ބުނާ ގޮތުން މަލަކް އަކީ އިސްރާއީލުގެ ސިފައިން ހައްޔަރުކުރި އެންމެ ހަގު އަންހެން ކުއްޖާ އެވެ.
ފަލަސްތީނުގެ ސަރުކާރުން އދ. އަށް މިދިޔަ މަހު ހުށަހެޅި ސިޓީއެއްގައި ބުނެފައިވާ ގޮތުން، މިހާރު ވެސް އިސްރާއީލުގެ ޖަލުތަކުގައި އެގައުމުގެ 300 ކުދިން ހައްޔަރުކޮށްފައި ތިބި އިރު، މިދިޔަ އަހަރުގެ ތެރޭގައި 1266 ކުއްޖަކު ހައްޔަރުކޮށްފައިވެ އެވެ.
މީގެ އިތުރުން ހައްޔަރުކޮށްފައިވާ ކުދިންގެ އުމުރު އުޅެނީ 12 އަހަރާއި 15 އަހަރާ ދެމެދުގައި ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.