ރާއްޖޭގެ ކުރިއަރަމުން އަންނަ ސޯލޯ އާޓިސްޓް މޫޝަން މުބާރިކް (މުއްމު)ގެވެބްސައިޓުއަދި ހާއްސަ ލޯގޯ ލޯންޗުކޮށްފި އެވެ.

ހައިރައިޒްގެ ޝޯތަކުން އާއްމުންނަށް ފެނިގެންދިޔަ މުއްމު ބުނީ،މޫޝަން.ކޮމްގެ ނަމުގައި ލޯންޗުކޮށްފައިވާ އެވެބްސައިޓުންއޭނާގެ ފޮޓޯތަކާއި ލަވަތައް އަޑުއަހާލުމުގެ ފުރުސަތުގެ އިތުރުން އޭނާއާ ބެހޭ މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.

މުއްމުގެވެބްސައިޓްފަރުމާކޮށްފައި ވަނީ، މަޝްހޫރު ޑިވެލޮޕަރު ނަސްރުﷲ އަަދުނާން (ނައްޓު) އެވެ. އަދި ލޯގޯ ފަރުމާކޮށްދީފައިވަނީ އަހުމަދު ޔައީޝް (ޔައީޓޭ) އެވެ.

ފްރާންސްގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ލުއިސް ވިޓަންގެ ޝެވަލް ބްލޯން ރަންދެލި ރިސޯޓާއި ސީޝެލްސްގެ މަޝްހޫރު ކޮންސްޓެންސް ހަލަވެލި ފަދަ ބޮޑެތި ރިސޯޓުތަކުގައި ސޯލޯ މިއުޒިކް ކުޅެދެމުންދާ މުއްމު ވަނީ އޭނާ ކިޔާފައިވާ އަދި ދިވެހިންގެ ތެރެއަށް މަޝްހޫރުވެގެން އައި "ރަންނަމާރި" އަދި "ރީތިކަން"ގެ ޕާފޯމަންސް ވީޑިއޯ ލަވަ ވެސް ޕްރިމިއާ ކޮށްފަ އެވެ.

މީގެ އިތުރުން، "ރީތިކަން" ލަވައިގެ އޮފިޝަލް ވީޑިއޯ ހެދުމުގެ މަސައްކަތް ޗޮޕްއާޓާއި ހަވާލުކޮށްގެން ކުރަމުން އަންނަ ކަމަށާއި އެ ލަވަ ވަރަށް އަވަހަށް ލޯންޗު ކުރާނެ ކަމަށް މުއްމު ބުންޏެވެ.

މުއްމު ކިޔާފައިވާ 'ރަންނަމާރި' ލަވައަކީ މަކާއޯގައި މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ތިން ވަނަ އޭބީޔޫ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރުމަށް ލިބުނު ފުރުސަތުގައި އޭނާ ހުށަހަޅައިދިން ލަވަ އެވެ.

އެ ލަވައަކީ ޖަޕާންގެ ގައުމީ ޓީވީ ޗެނަލް އެންއެޗްކޭގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މުއްމު ބުނާ ގޮތުން އެއީ އޭނާގެ މިއުޒިކީ ހަޔާތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.