14 Feb 2015, 23:55
ސިޔާސީ ކަންކަމުގެ ތެރެއަށް ވިޔަފާރިވެރިން ވަންނަ ނަމަ، ސިޔާސީ މީހުންނެކޭ އެއް ހަމައެއްގައި ވިޔަފާރިވެރިން މިނަން ޖެހިދާނެ ކަމަށާއި، ސިޔާސީ ކަންކަމުގެ ތެރެއަށް ވިޔަފާރިވެރިން ނުވަނުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީ ދިފާއުކުރުމަށް ކަމަށް ބުނެ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގައި ރައީސް ނަޝީދު މިރޭ ވިދާޅުވީ ސިޔާސީ މީހުންނަކީ ސިޔާސީ ޕާޓީ ހަދައިގެން ހިންގާ ފަރާތްތައް ކަމަށާއި އަދި ވިޔަފާރިވެރިންނަކީ ވިޔަފާރީގެ މަސައްކަތް ކުރައްވަން ތިއްބަވާ ބޭފުޅުން ކަމަށެވެ. ނަޝީދު ވިދާޅުވީ ސިޔާސީ ކަންކަމުގެ ތެރެއަށް ވިޔަފާރިވެރިން ވަންނަ ނަމަ "ޖެހޭނީ އަޅުގަނޑުމެންގެ ހަމައިގައި ތިޔަބޭފުޅުން މިނަން" ކަމަށެވެ.
"އަޅުގަނޑު ރާއްޖޭގެ އެހެން ވިޔަފާރިވެރިންނަށް ދަންނަވަން އޮތް ވާހަކައަކީ މިކަމުގެ ތެރެއަށް ތިޔަބޭފުޅުން ވަޑައިނުގަންނަވާށޭ،" ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު އެ ވިދާޅުވީ ވިޔަފާރިވެރިންނަކީ ކޮބައިކަމެއް މިރޭގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅެއްނުވެ އެވެ.
ވިޔަފާރިވެރިން ސިޔާސީ ކަންކަމުގައި ނޫޅުއްވުމަށް ނަޝީދު މިރޭ ގޮވާލެއްވި އިރު، ޖޭޕީ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް މި އަހަރު ތެރޭ ވެރިކަން ހޯއްދަވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދު މިރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.

ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ ޖޭޕީ އަދި އެމްޑީޕީ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ވިޔަފާރިވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ޓްރޭޑް ޔޫނިއަނުން ވަނީ ބައިވެރިވެފަ އެވެ.
ނަޝީދުގެ ވާހަކަފުޅުގައި ސަރުކާރުގެ ވަޒީރުން ވިޔަފާރިވެރިންގެ ފައިސާގައި ޖެހެމުންދާ ކަމަށް އިޝާރާތް ކުރެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ޝަރީއަތުގެ މަޖިލިސް "ރިޝްވަތުގެ ހުތުރު ފައިސާ އިން ހަރާބުކުރަމުން ގެންދަން ޖާގައެއް ނުދޭނަން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ބަންދު ކުރެއްވުމަކީ ރައީސް ޔާމީންއާ ވާދަކުރައްވާ ބޭފުޅުން ސިޔާސީ މަޝްރަހުން ގެއްލުވާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ކަމެއްގެ ގޮތުގައި ނަޝީދު މިރޭ ވަނީ ސިފަކުރައްވާފަ އެވެ.
"އަޅުގަނޑުމެންނަށް ސާފުވާން އެބަޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަފުރާޝީމު އަވަހާރަވެގެން ދިޔަ ގޮތް، އަޅުގަނޑުމެނަށް އަޑު އިވިފައި ވަނީ ޑިފެންސް މިނިސްޓަރު ނާޒިމަށް މިކަމުގެ އިތުރު މައުލޫމާތު އެނގިވަޑައިގަންނަވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީ ދިފާއުކުރުމަށް ކަމަށް ބުނެ ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީން ބާއްވަމުންދާ އެއްވުންތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ޔާމީންގެ އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ.