14 Feb 2015, 20:44
ގައުމީ ޔުނިވަސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން އިމާރާތްކޮށްދިން އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި އެހެން ފެކަލްޓީއެއްގެ ދަރިވަރުންނަށް ކިޔެވުމުގެ ޖާގައެއް ނެތް ކަމަށް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ހުސައިން ހަލީމް ވިދާޅުވެއްޖެ އެވެ.
މިހާރު ފެކަލްޓީ އޮފް ޓޫރިޒަމްގެ ދަރިވަރުން ކިޔަވަމުންދާ އެ އިމާރާތް ނޫސްވެރިންނަށް ދައްކާލުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ، އެ ފެކަލްޓީގައި އެހެން ފެކަލްޓީގެ ދަރިވަރުންނަށް ކިޔަވައިދޭނެ ވަސީލަތްތަކާއި ޖާގަ ވެސް ނެތް ކަމަށެވެ.
"މި ފެކަލްޓީ އިން ކިޔަވައިދެމުން ދާއިރު އެހެން ފެކަލްޓީއެއްގެ ދަރިވަރުންނަށް ކިޔަވައިދޭނެ ޖާގައެއް މި އިމާރާތުގައި ނެތް ވާހަކަ އަޅުގަނޑު ދަންނަވަން. ބޭރުން ބަލާއިރު ވަރަށް ބޮޑު ވައްތަރު ޖެހި ނަމަވެސް މި ފެކަލްޓީގެ ދަރިވަރުން ބޭނުންވާ ވަސީލަތުގެ އިތުރުން އެހެން ފެކަލްޓީގެ ދަރިވަރުން ބޭނުންވާ ވަސީލަތްތަކެއް މިތަނަކު ނުހުންނާނެ. އެ ބޭނުން ކުރަން ޖާގައެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ޓުއަރިޒަމް އެންޑް ހޮސްޕިޓޭލިޓީ ކިޔަވައިދޭ ފެންވަރަށް އިމާރާތްކޮށްފައިވާ އެތަނުގައި ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެ ފެކަލްޓީގެ ދަށުން މިހާރު ވެސް 600 ދަރިވަރުން ކިޔަވަމުންދާ ކަމަށް ޔުނިވާސިޓީން މައުލޫމާތުދެ އެވެ.
އަށް ބުރިއަށް އިމާރާތް ކޮށްފައިވާ އެ އިމާރާތުގެ ފުރަތަމަ ހަތަރު ބުރި ބޭނުން ކުރަނީ ކްލާސްރޫމް ތަކަށެވެ. އަދި ފަސް ވަނަ އަދި ހަ ވަނަ ބުރި ހާއްސަ ކުރެވިފައ ިވަނީ ފިރިހެން އަދި އަންހެން ދަރިވަރުންގެ ހޮސްޓެލްތަކަށެވެ.
އިމާރާތުގެ ހަތް ވަނަ އަދި އަށްވަނަ ބުރިއަކީ ޓްރެއިނިން ހޮޓެލް އެއްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ ދެ ބުރި އެވެ. ގެސްޓް ރޫމް ގޮތައް ބޭނުން ކުރާ 28 ކޮޓަރި އޭގެން ކޮންމެ ބުރިއެއްގައި ހުރެއެވެ.
މީގެ އިތުރުން އިމާރާތުގައި ލައިބްރަރީ އަކާއި ދެ ކޮމްޕިއުޓަރު ލެބުގެ އިތުރުން އޭވީ ރޫމެއް އިދެއެވެ. އޭގެ އިތުރުން ފުޑް އެންޑް ބެވަރޭޖްގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ދެ ބަދިގެ އަކާއި ލޯންޑްރީ ލެބެއް ވެސް ހިމެނެ އެވެ.
ގައުމީ ޔުނިވަސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ޑިޒައިންކޮށް އިމާރާތްކޮށްދިން އެ ފެކަލްޓީގެ މަސައްކަތް ފަށާފައިވަނީ 2002 ވަނަ އަހަރުގައެވެ.