މިދިޔަ މަހު 28 ވަނަ ދުވަހު ވ. ރަކީދޫ، މެރިންކޯނާގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު އިބުތިޙާލުގެ މަރާ ގުޅިގެން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަަލަ ބެލުމަށް އެ ކޮމިޓީގެ ބައްދަލުވުން މި ހަފްތާގެ ތެރޭގައި ނުބާއްވައިފިނަމަ މަޖިިލިސް މެމްބަރުން އަމިއްލައަށް އެ މަސައްކަތް ކުރަން ފަށާނެ ކަމަށް އެ ކޮމިޓީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަދަދުވެރިންގެ ނަމުގައި ނަލަހިޔާ ކައިރީގައި މިއަދު ހަވީރު ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެ ކޮމިޓީގެ ބައްދަލުވުން މި ހަފްތާގެ ތެރޭގައި ބާއްވާނެ ކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވާ ކަމަށެވެ. އަދި މެމްބަރުން ޗުއްޓީގައި ތިއްބެވި ކަމަށް ވިދާޅުވެ ކޮމިޓީގެ ބައްދަލުވުން ނުބޭއްވުމަކީ ގަބޫލްކުރެވޭނެ އުޒުރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީގެ ބައްދަލުވުން ނުބޭއްވި ގިނަ ދުވަސް ވަމުންދާތީ އަޅުގަނޑުމެން ވެސް ވަރަށް ކަންބޮޑުވޭ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓުގައި ވެސް އެ ބަހުރި ވަރަށް ބައިވަރު ސުވާލު އުފެދޭ ކަންތައްތައް، އެގޮތުން އެކަންތަައްތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން އެބަ ބޭނުންވޭ ޖެންޑާ މިިނިސްޓްރީއާ ސުވާލުކުރަން، އެ މަސައްކަތް ކުރެވެން އޮތީ ކޮމިޓީ ބާއްވައިގެން، އެހެންވީމަ ކޮމިޓީ ބާއްވަން ފުރުސަތު ވެސް ދޭނަން، އެހެންނަމަވެސް މިހަފްތާގެ ތެރޭގައި ކޮމިޓީގެ ބައްދަލުވުން ނުބާއްވައިފިނަމަ އަޅުގަނޑުމެން އެމްޕީސް ވަކިން ވެސް ޖެންޑާ މިނިސްޓްރީއަށް ގޮސްގެން ވެސް އެ މައުލޫމާތު ހޯދާނަން،" ރޮޒެއިނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެފަދަ ކުދިންނާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީން ބަލަމުން ގެންދާ މައްސަލަތަކުގައި އަމަލު ކުރާ އުސޫލުތަކަކީ ކޮބައިތޯ އޮޅުން ފިލުއްވަން ވެސް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބުތިހާލުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވާތާ އެތައް ދުވަސްވެގެން ގޮސްފައިވާއިރު އެ މައްސަލަ މަަޖިލީސްގެ ތެރެއިން ބެލުން ލަސްވަމުންދާތީ އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މަދަދުވެރިން އިންތިޒާމްކޮށްގެން އިބްތިހާލް މަރުވި ހާދިސާ އާ ގުޅިގެން މީގެކުރިން ވެސް ވަނީ އޭނާ އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހިނގާލުމެއް ވެސް ބާއްވައިފަ އެވެ. އަދި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އެ މައްސަލަ ކުރިއަށްދާލެއް ލަސްވަމުންދާތީ އާއި އިބުތިހާލަށް އިންސާފު ހޯދައިދިނުން އަވަސްކުރުުމަށް ގޮވަައިލައި އަންނަ ހުކުރު ދުވަހު ވެސް އަނިޔާއާ ދެކޮޅަށް އަޑުއުފުލާ ބޮޑު ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.