ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ހަތިޔާރުތަކުގެ މިނިވަން ފޮރެންސިކް ތަހުގީގެއް ހެދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ފުލުހުންގެ ކިބައިން ނާޒިމް އެދިވަޑައިގެންފި އެވެ.

ނާޒިމްގެ ވަކީލް މައުމޫން ހަމީދު ސޮއިކުރައްވައި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ ނާޒިމްގެ ގެއިން ފުލުހުންނަށް ފެނިފައިވާ ކަމަށް ބުނާ ހަތިޔާރުގެ ފޮރެންސިކް އެނަލިސިސްއެއް މިނިވަން މުސްތަގިއްލު ތިން ވަނަ ފަރާތެއް މެދުވެރިކޮށް ހެދުމަށް ނާޒިމް އެދިވަޑައިގަންނަވާ ކަމަށެވެ.

"ވީމާ އަޅުގަނޑުގެ މުވައްކިލް [ނާޒިމް] ދިރިއުޅުއްވާ އެޕާޓުމަންޓުން ފެނުނުކަމަށް ތިޔަ ސާވިސް އިން ވިދާޅުވެފައިވާ ތަކެތީގެ އިންޑިޕެންޑެންޓު ފޮރެންސިކް އެނަލިސިސްއެއް ހެދޭނެ އިންތިޒާމް ހަމަޖައްސައިދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައި ބުނެފައިވެ އެވެ.

ސިޓީގައި ބުނެފައިވާ މިނިވަން ފޮރެންސިކް ތަހުގީގެއް ހެދުމަށް ދާނެ ހުރިހާ ހަރަދެއް ވެސް ނާޒިމް އަމިއްލަފުޅަށް ނަންގަވާނެ ކަމަށެވެ.

ނާޒިމް ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ 1:15 ހާއިރު އެވެ. ނާޒިމް ހައްޔަރު ކުރީ އޭނާގެ ގެއިން ޕިސްތޯލެއް ފެނުނު މައްސަލަ އާއި ސަރުކާރާ ދެކޮޅަށް ކަންތައްތަކެއް ރާވާކަމުގެ ތުހުމަތުގައި ކަމަށް އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ފުލުހުން ނާޒިމް ހައްޔަރު ކުރިއިރު މިދިޔަ މަހުގެ 17 ވަނަ ދުވަހު ނާޒިމްގެ ގެއިން ފިސްތޯލު ފެނުނު މައްސަލަ ވަނީ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ.

ނާޒިމްގެ ހައްޔަރު ކުރި މައްސަލަ އެމްނެސްޓީ އިންޓަނޭޝަލް އިން ވެސް އަންނަނީ ތަހުގީގު ކުރަމުން ނެވެ.

އެމްނެސްޓީ އިން ނާޒިމްގެ މައްސަލަ ތަހުގީގު ކުރަން ފަށާފަވާއިރު އޭނާ ހައްޔަރުކުރުމަށް ނެރުނު އަމުރާއި ބަންދުގެ މުއްދަތު އިތުރު ކުރި އަމުރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުން އަންނަ ހޯމަ ދުވަހަށް އެ ކޯޓުން ވަނީ ތާވަލް ކޮށްފައެވެ.

އަދި ހަމައެއާއެކު ނާޒިމްގެ ބަންދާމެދު ގޮތް ނިންމި މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ރެކޯޑިން ނުވަތަ ލިޔުން ހޯދަން ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓުގައި ވެސް ވަނީ އެދިފައެވެ