ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ މެދު ފަންތީގެ ފްލެޓްތަކުން ސަރުކާރަށް ލިބުނު 10 ފުލެޓުގެ ތެރެއިން ނުވަ ފުލެޓް ދޭނެ ފަރާތްތައް ކަނޑައަޅައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސަރުކާރަށް ލިބުނު ފުލެޓުތައް ދޭން ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުހުތާޒު މުހުސިން އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސް ހަސަން ލުތުފީ އާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީރު ޖަމާލް އަބޫބަކުރަށެވެ.

އަމީނީ މަގުގައި ހުންނަ ކުރީގެ ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ "ރެހެންދި" ފުލެޓުން ސަރުކާރަށް ލިބުނު ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާގެ އިތުރުން ބަދިގެ އާއި ސިޓިން ރޫމެއް ހިމެނެ އެވެ.

ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓުބަރިއެއްގެ އެޕާޓްމަންޓެއްގެ ފާޚާނާ-- ސަން ފޮޓޯ: އަލީ ނަސީރު

"ސަން"އަށް އެނގިފަވާ ގޮތުގައި އެ ނުވަ ފަރާތަށް އެ ފުލެޓްތައް ދޭނީ އެޕާޓްމަންޓެއް 1.6 މިލިއަން ރުފިޔަށެވެ. އެ ފައިސާ ދައްކާ ހަލާސް ކުރަން ޖެހޭ މުއްދަތުތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެކަމާ ގުޅޭ ގޮތުން ހައުންސިން މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓެއްގެ އެޕާޓްމަންޓެއް--- ސަން ފޮޓޯ: އަލީ ނަސީރު

ކޮންމެ ފްލެޓުބަރިއެއްގައި ނުވަ 'ފްލޯ' ހިނެނޭގޮތަށް އިމާރާތްކޮށްފައިވާ "ރެހެންދި" ފުލެޓު އިމާރާތް ކުރީ އެފްޑަބްލިއު ކޮންސްޓްރަކްޝަނުންނެވެ. ސަރުކާރަށް ލިބުނު 10 ފުލެޓުގެ ތެރެއިން ނުވަ ފުލެޓް ދައުލަތުގެ މުއައްސަސާތަކުގެ އިސް ވެރިންނަށް ދީފައިވާއިރު، ބާކީ ހުރި ފުލެޓް ދިން ފަރާތެއް އަދި ނޭނގެ އެވެ.

އަމިއްލަ ހަރަދުގައި ޓީވީ ކޮށީގައި 36 ފްލެޓު އިމާރާތް ކުރުމަށް އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭޕްރީލް 28، 2011، ގަ އެވެ.