14 Feb 2015, 17:41
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ނުގެނައުމަށާއި، އަދި އާ ބެންޗެއް ކަނޑަނޭޅުމަށް އަންގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރާ މެދު ނިންމި ގޮތް އިއްވާފައި ވަނީ މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
ވަގުތީ އަމުރާ މެދު ނިންމި ނިންމުމުގައި ވަނީ ހުޅުމާލޭ ކޯޓުގައި އެކުލަވާލި ފަނޑިޔާރުންގެ ބެންޗަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށާއި އަދި އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެކަމަށް ޖޭއެސްސީން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު އެދިވަޑައިގަތްގޮތަށް މިހިނދުގައި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ވެސް ވަގުތީ އަމުރާ މެދު ނިންމި ނިންމުމުގައ ވެއެވެ.
ވަގުތީ އަމުރާމެދު ގޮތެއް ނިންމުމަށްފަހު ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން ޖޭއެސްސީން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފައެވެ.
ޖޭއެސްސީގެ ވަކީލު ވިދާޅުވީ ހުޅުމާލޭ ކޯޓުގައި ބެންޗެއް ކަނޑައަޅާފައި ވަނީ އެ ކޯޓުގެ އެދުމަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ލަފާގެމަތިން ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަކީ އެންމެ ފަހުބަސް ބުނާ ކޯޓުކަމަށްވެފައި، ސިވިލް ކޯޓަކީ އެއަށްވުރެ ދަށު މަރުހަލާގެ ކޯޓަކަށް ވާތީ އެ މަސަލަ ބެލުމުގެ ގާނޫނީ ހައިސިއްޔަތު ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.
ޖޭއެސްސީގެ އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އިޖުރާއީ ނުކުތާގައި އެދިފައިވާ ގޮތް އެބޭފުޅުންނަށް ސާފުނުވާ ކަމަށެވެ. އެހެންކަމުން ސާފުއިބާރާތުން އިޖުރާއީ ނުކުތާ ނެގި ސަބަބު އޮޅުންފިލުވައިދިނުމަށް އޭނާ އެދިވަޑައިގަތެވެ.
އިޖުރާއީ ނުކުތާގައިވާ ކަންކަން ސާފުކޮށްދިނުމުގެ ގޮތުން ޖޭއެސްސީގެ ވަކީލު ދެއްކެވި ވާހަކަތަކުން އެކަން ސާފުނުވާ ކަމަށް ތަކުރާރުކޮށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ބެންޗު ކަނޑައަޅާފައި ވަނީ ޖުޑީޝަލް ކައުންސިލްގެ މަސްއޫލިއްޔަތު އަދާކުރުމާ ބެހޭ ސާކިއުލާގެ ކޮން މާއްދާއެއްގެ ދަށުންތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ.
އެ ސުވާލުގެ ޖަވާބުގައި ޖޭއެސްސީން ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ ވިދާޅުވީ އެ ސުވާލަށް ޖޭއެސްސީއަށް ޖަވާބުނުދެވުނު ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ފަރުހާދު ރަޝީދު ވަނީ އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވާއިރު ފާހަގަކުރަން ބޭނުންވާ އެފަދަ ކަންކަން ފާހަގަކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލީ އިޖުރާއީ ނުކުތާއަށް ލިޔުމުން ޖަވާބުދާރީވުމަށް ރައީސް ނަޝީދަށް ފުރުސަތު ދެއްވުމަށްފަހުއެވެ.