ކުރިއަށް އޮތް ވާދަވެރި ފުޓްބޯޅަ ސީޒަންގައި އެއްވަނަ ޑިވިޝަންގައި ވާދަކުރާ ބީޖީ ސްޕޯޓްސް ކްލަބްގެ ކޯޗްކަމުގެ މަގާމަށް، އެޓީމަށް ކުރިންވެސް ކޯޗުކަން ކޮށްދިން މުހައްމަދު ޝާޒްލީ (ޝާޒް) ހަމަޖައްސައިފި އެވެ.

މީގެ ކުރިންވެސް ބީޖީ ވަނީ ޝާޒްގެ އިރުޝާދުގެ ދަށުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. 2012 އަދި 2013 ވަނަ އަހަރުވެސް ބީޖީއަށް ކޯޗުކަން ކޮށްދިން ޝާޒް މި އަހަރު އެ ޓީމުގެ ކޯޗަކަށް އަނެއްކާވެސް ހަމަޖެއްސިކަން އެ ކްލަބުން ހާމަކޮށްފައި ވަނީ މިއަދު އެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ޝާޒްގެ ކޯޗުކަމުގެ ދަށުން ބީޖީ ސްޕޯޓްސް ކްލަބް ވަނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދަދީފައެވެ. އަދި އެ އަހަރު އެއްވަނަ ޑިވިޝަނުން ދެވަނަ ޑިވިޝަނަށް ޕްރޮމޯޓް ވުމަށް ފަހު، 2013 ވަނަ އަހަރުގެ ކުރީކޮޅުވެސް އެ ޓީމަށް ކޯޗުކަން ކޮށްދިނީ ޝާޒް އެވެ. އެ އަހަރު އެ ޓީމް ދޫކޮށްލުމުން، ދެން އެ ޓީމަށް ކޯޗުކަން ކޮށްދީފައި ވަނީ އިޓަލީގެ ކޯޗެކެވެ.

މިދިޔަ އަހަރު ލީގުގެ އެންމެ ފުލުގައި އޮތުމަށްފަހު، ލީގު ކޮލިފިކޭޝަންގައި ވާދަކޮށް ބީޖީ މި އަހަރު "ދިވެހި ޕްރިމިއާ ލީގް"އަށް ޕްރޮމޯޓުވީ ލީގް ކޮލިފިކޭޝަން ތާވަލްގެ އެއްވަނައިގައި އޮވެގެނެވެ. މިދިޔަ އަހަރު އެ ޓީމަށް ކޯޗުކަން ކޮށްދިން މުހައްމަދު އިގްބާލް ވަނީ މިއަހަރު ވެލެންސިޔާގެ ކޯޗުކަމާއި ހަވާލުވެފައެވެ.

ކޯޗް ކަމުގެ ދާއިރާއަށް ނުކުތުމުގެ ކުރިން ޝާޒް ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ. އަދި އެއަށްފަހު އޭނާ އެފްއޭއެމް ވައިޑީޕީ ޕްރޮގްރާމްގެ ހެޑްގެ ގޮތުގައި ހުރެ، އޭނާ ވަނީ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ބީޖީން މިފަހަރުގެ ލީގަށް ތައްޔާރު ވުމަށް ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، އެ ޓީމަށް ވަނީ މިދިޔަ ސީޒަންގައި ވެލެންސިޔާގެ ގޯލު ބެލެހެއްޓި ތަޖުރިބާކާރު ކީޕަރު އިބްރާހިމް އިފްރާހު އަރީފް ވެސް ގެނެސްފައެވެ. އަދި އޭގެ އިތުރުން އެ ޓީމަށް މި ސީޒަނަށް ބިދޭސީ ހަތަރު ކުޅުންތެރިން ގެންނަން ނިންމާފައި ވާއިރު، އެ ކުޅުންތެރިން އަންނަ މަހުގެ އެކެއްގައި ރާއްޖެ އައިސް ޓީމާ ގުޅޭނެ ކަމަށް އެ ކްލަބުން މައުލޫމާތު ދެއެވެ.

މި އަހަރުގެ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ބީޖީ ސްޕޯޓްސް ކްލަބުގެ ތަމްރީނުތައް ރަސްމީކޮށް ފަށަން ހަމަޖައްސާފައި ވަނީ ކޯޗް ޝާޒްގެ އިރުޝާދުގެ ދަށުން އަންނަ މި މަހުގެ 20 ވަނަ ދުވަހު އެވެ.