14 Feb 2015, 16:57
މި އަހަރުގެ މޭ މަހު 15 ގައި ބައިނަލްއަގްވާމީ އާއިލީ ދުވަހާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްރައިތެލޯން އެއް ބާއްވަން ނިންމައިފި އެވެ.
މާކެޓިއާސް ޕްރައިވެޓް ލިމިޓަޑްއިން އިންތިޒާމް ކޮށްގެން "100ޕްލަސް ތިންވަރު ޓްރައިތެލޯން"ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ އެ ޓްރައިތެލޯންގައި ވަކި ދުރުމިންތަކަކަށް ބަހާލައިން ފެތުމާއި ދުވުން އަދި ބައިސްކަލު ރޭހެއް ހިމެނެއެވެ.
ސާފާސް ޕެރެޑައިސް މޯލްޑިވްސް އާއި މާކެޓިއާސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ބާއްވަން ހަމަޖެހިފައިވާ އެ ޓްރައިތެލޯންގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މަހު އެވެ.
"100ޕްލަސް ތިންވަރު ޓްރައިތެލޯން"ގައި ދެ ޖިންސުގެ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެ ކަމަށާއި، އަދި އެ ރޭހުގައި އިންޑިވިޖުއަލް ގޮތުންނާއި ޓީމެއްގެ ގޮތުގައިވެސް ބައިވެރި ވެވޭނެ ކަމަށް މާކެޓިއާސްއިން މައުލޫމާތު ދިނެވެ.
ޓްރައިތެލޯންއާ ބެހެގޮތުން މާކެޓިއާސްއިން ބުނެފައިވަނީ ޓްރައިތެލޯންގެ މަގުސަދަކީ ފަރުދުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމު ކަމާމެދު މީހުން ހޭލުންތެރި ކުރުން ކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް ކަސްރަތާއި ހަރަކާތްތެރި ދިރިއުޅުމަށް ތަރުހީބުދިނުން ކަމަށެވެ. އަދި އޭގެ އިތުރުން އެ ރޭހުގައި ހުރިހާ އުމުރު ފުރާއަކަށްވެސް ބައިވެރި ވެވޭނެ ކަމަށް އެކަން އިންތިޒާމްކުރާ ފަރާތްތަކުން ވަނީ މައުލޫމަތު ދީފައެވެ.
ޓްރައިތެލޯން އެއްގެ އިތުރުން މިދިޔަ މަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިޑްނައިޓް މެރެތަން އެއްވެސް ބާއްވާފައެވެ. އަދި އަންނަ މަހު ރާއްޖޭގައި ދެވަނަ ފަހަރަށް "ރެޑް ބުލް ކެޗް ދަ ފެރީ" ރޭސް ވެސް ބާއްވަން ނިންމާފައި ވާއިރު، އެފަދަ ހަރަކާތްތަކަށް ރާއްޖޭގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ވަނީ ފާހަގަ ވެފައެވެ.