14 Feb 2015, 16:46
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 18 އަހަރުން ދަށުގެ އަންހެން ކުދިންނަށް އަނިޔާކޮށްގެން 1214 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، 2010 ވަނަ އަަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 18 އަހަރުން ދަށުގެ އަންހެން ކުދިންނަށް އަނިޔާކޮށްގެން 1214 މައްސަލައެއް ހުށަހަޅާފައިވާއިރު، 18 އަހަރުން މަތީ އަންހެނުންނަށް އަނިޔާކޮށްގެން 179 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެތެރޭން، 18 އަހަރުން ދަށުގެ ކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކުގެ ހަ ޕަސެންޓާއި 18 އަހަރުން މަތީގެ އަންހެނުންނަށް އަނިޔާކޮށްގެން ހުށަހެޅި މައްސަލަތަކުގެ 31 ޕަސެންޓް މައްސަލަތައް މިހާރު ވެސް ޖެންޑާ މިނިސްޓްރީން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަންހެނުންނަށް އަނިޔާކޮށްގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2012-2014 ގެ ނިޔަލަށް އަންހެނުންނަށް އަނިޔާކޮށްގެން 237 މައްސަލައެއް ހުށަހެޅިފައިވެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ހިސާބު ތަކަށް ބަލާއިރު، 2012 ގައި ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން 25.6 ޕަސެންޓް މައްސަލައަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ޖެހިގެން އައި 2013 ވަނަ އަހަރު ގެވެށި އަނިޔާގެ މައްސަލަތަކަށް ހުކުމް ކުރެވުނު ނިސްބަތް ވަނީ 1.8 ޕަސެންޓް ދަށްވެފަ އެވެ.
އެގޮތުން، 2013 ވަނަ އަހަރު އަންހެނުންނަށް އަނިޔާކުރުމުގެ މައްސަލަތަކުގެ ތެރެއިން 23.8 ޕަސެންޓް މައްސަލަ އަށް ޕީޖީން ހުކުމްކޮށްފައިވެ އެވެ.
މީގެ އިތުރުން، 2012 ވަނަ އަހަރު ތަންފީޒު ކުރެވުނު ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ފެމިލީ ކޯޓާއި މެޖިސްޓްރޭޓް ކޯޓުން މިދިޔަ އަހަރުގެ ނިޔަލަށް ރައްކާތެރިކަމުގެ 27 އަމުރެއް ނެރެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
އަންހެނުންނަށް ދިމާވާ ގޯނާ ކުރުމުގެ ސަގާފަތްތައް ހުއްޓުވުމުގެ މަގްސަދުގައި ކޮންމެ އަހަރެއްގެ ފެބްރުއަރީ 14 ގައި ފާހަގަކުރާ "ވަން ބިލިއަން ރައިސިން" ކެމްޕެއިނާ ގުޅިގެން ނެރުއްވި ބަޔާނެއްގައި، ޖެންޑާ މިނިސްޓްރީއާ ހަވާލުވެ ހުންނެވި އެޓާނީ ޖެެނެރަލް (އޭޖީ) މުހައްމަދު އަނިލް ވިދާޅުވީ، އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގެ އަދަދާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އަންހެނުންނަށް ކުރާ އަނިޔާއަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަން އެފަދަ މައްސަލަތައް ހުށަހެޅޭ އަދަދުން ސާބިތުކޮށްދެ އެވެ. އަދި ހަމައެއާއިއެކު މައްސަލަތައް ރިޕޯޓްކުރެވޭ މިންވަރު އިތުރުވަމުންދާކަމާއި މިފަދަ މައްސަލަތައް ހައްލުކުރުމަށް ދާއިރާތަކުން މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކޮށްލަންޖެހެއެވެ." އަނިލް ވިދާޅުވެފައި ވެއެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ "އަންހެނުންނަށް ކުރާ އަނިޔާ އަދި ގޯނާއަށް ފުރުސަތެއް ނުދޭނަން" އަކީ މެނިފެސްޓޯގައި ހިމެނޭ މުހިއްމު އެއް ވައުދު ކަމަށް ފާހަގަކުރައްވައި އޭޖީ ވިދާޅުވެފައި ވަނީ، އެ ވައުދު ފުއްދުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން މިދިޔަ އަހަރު ހަތަރު އަތޮޅެއްގައި 276 މީހުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގާރާމް ހިންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ކައިވެނި ރޫޅުމުން އާއިލާ ނިކަމެތިވެ ދިއުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން، ކައިވެނީގެ ކުރިން ވެވޭ އެއްބަސްވުމާއި ގުޅޭ ގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން، މިދިޔަ އަހަރު 35 ޒުވާނުންނަށް ޕްރޮގާރާމެއް ހިންގާފައިވާ ކަމަށް އަނިލް ވިދާޅުވެފައި ވެއެވެ.
"މިއަހަރުގެ ތެރޭގައި ކަމާއި ގުޅުންހުރި ގާނޫނުތަކަށް އަހުލުވެރިކުވުމުގެ ޕްރޮގްރާމްތަކާއި ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރާނެ ފިރިހެނުން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް ވަނީ ރޭވިފައި،" އޭޖީ ސޮއިކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ، ގެވެށި އަނިޔާއެއް ހިނގަމުންދާކަން އިނގޭނަމަ ނުވަތަ ޝައްކުވާނަމަވެސް، ލަސްނުކޮށް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަކީ ކޮންމެ ފަރުދެއްގެ ވެސް ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެކަމަކީ ވަކި މުއައްސަސާއެއްގެ ޒިންމާއަކަށް ނުހައްދަވައި ކޮންމެ ފަރުދެއް ވެސް އެކަމާއި ދެކޮޅަށް އަޑުއުފުލައި އެކަން ހުއްޓުވުމަށް އެއް ވިސްނުމެއްގައި މަސައްކަތްކުރުމަށް އޭޖީ އިލްތިމާސްކުރެއްވި އެވެ.