14 Feb 2015, 16:05
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑު މުހައްމަދު ނާޒިމް ހައްޔަރު ކުރި މައްސަލަ އެމްނެސްޓީ އިންޓަނޭޝަނަލް އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އެމްނެސްޓީ އިން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އައްބާސް ފާއިޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނާޒިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނާ ވާހަކަތައް އެމްނެސްޓީން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
" ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކޮށްފައިވަނީ އެއްވެސް ސަބަބަކާ ނުލައި ކަމަށް ބުނާ މައްސަލަ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ތަހުގީގު ކުރަން ފަށާފައި،" އައްބާސް ކުރެއްވި ޓުވީޓުގައިވެ އެވެ.
ނާޒިމް ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ 1:15 ހާއިރު އެވެ. ނާޒިމް ހައްޔަރު ކުރީ އޭނާގެ ގެއިން ޕިސްތޯލެއް ފެނުނު މައްސަލަ އާއި ސަރުކާރާ ދެކޮޅަށް ކަންތައްތަކެއް ރާވާކަމުގެ ތުހުމަތުގައި ކަމަށް އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ފުލުހުން ނާޒިމް ހައްޔަރު ކުރިއިރު މިދިޔަ މަހުގެ 17ވަނަ ދުވަހު ނާޒިމްގެ ގެއިން ފިސްތޯލު ފެނުނު މައްސަލަ ވަނީ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައެވެ.
އެމްނެސްޓީ އިން ނާޒިމްގެ މައްސަލަ ތަހުގީގު ކުރަން ފަށާފަވާއިރު އޭނާ ހައްޔަރުކުރުމަށް ނެރުނު އަމުރާއި ބަންދުގެ މުއްދަތު އިތުރު ކުރި އަމުރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުން އަންނަ ހޯމަ ދުވަހަށް އެ ކޯޓުން ވަނީ ތާވަލް ކޮށްފައެވެ.
އަދި ހަމައެއާއެކު ނާޒިމްގެ ބަންދާމެދު ގޮތް ނިންމި މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ރެކޯޑިން ނުވަތަ ލިޔުން ހޯދަން ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓުގައި ވެސް ވަނީ އެދިފައެވެ.