ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އަދާލަތު ޕާޓީން ބައިވެރި ނުވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ގޮވާލައްވައިފި އެވެ.

ޑރ. ޝަހީމު ޓްވީޓެއް މެދުވެރިކޮށް އަދާލަތު ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައި ވަނީ ސަރުކާރު ވައްޓާލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރި ނުވުމަށެވެ. އަދި ވިދާޅުވެފައި ވަނީ މާޒީ ހަނދާން ނައްތާލުމުގެ ބަދަލުގައި، މާޒީން ފިލާވަޅު ލިބިގަނަނަން ޖެހޭ ކަމަށާއި، "އިސްތިއުމާރީ ތޫފާނެއްގެ ތެރެއަށް" އަދާލަތު ޕާޓީ ވެއްޓިގެން ނުވާނެ ކަމަށެވެ.


އަދާލަތު ޕާޓީގެ މެމްބަރުން އަމަލުކުރަންވީގޮތް ބަޔާންކޮށް ޝަހީމް ވަނީ ގިނަ ޓްވީޓުތަކެއް މިއަދު ކުރައްވާފައެވެ. އަދި ވިސްނުމާއި ހިކުމަތް ކުރިއަށް ނެރެ ސުލްހަވެރިކަމާއި އިންސާފާއި އަދުލުވެރިކަމުގައި "ތަނބުތަށް ހިފެހެއްޓުމަށް" ޝަހީމު ވަނީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޓްވިޓާ މެދުވެރިކޮށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ދޫކޮށްލުމަށް ގޮވާލައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެެއެވެ.

އިމްރާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ކުރިއަށް މިއޮތް ދުވަސްތަކުގައި ނާޒިމް ފަދަ އެތައް ބަޔަކު ޖަލުގެ ގޮޅިތަކުގައި ތިބެން ޖެހުމަކީ އެކަށީގެންވާ ކަމެއް" ކަމަށެވެ. އިމްރާނުގެ ޓްވީޓުގައި ޖަސްޓިސް ފޯ ނާޒިމް ހޭޝްޓެގްވެސް ބޭނުންކުރައްވާފައިވެ އެވެ.

އިމްރާނަށް އިޝާރާތްކުރައްވައި، އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވަނީ އިމްރާނަކީ ރާއްޖެ ދުށް ވަރުގަދަ، އިލްމީ، ހިތްވަރުގަދަ، ސިޔާސީ ޝަހުސިއްޔަތެއް ކަމަށާއި، އެމަނިކުފާނާއެކު އިމްރާން ދެމިހުންނަވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.

އިމްރާނުގެ ޓްވީޓްތަށް ސަރުކާރާ ދެކޮޅަށް ނިސްބަތްކޮށް ކުރައްވާފައިވާއިރު، އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވަނީ ދާދި ފަހުން ނާޒިމްގެ ގާނޫނީ ޓީމާ ގުޅިވަޑައިގެންފަ އެވެ. އަދާލަތު ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީ އެކެވެ.