ނިއުޒިލޭންޑް ގޮނޑުދޮށަށް އިއްޔެ ބީހުނު ވޭލު ނޫނީ ބޮޑުމަސްތަކުގެ ތެރެއިން 100 އަށް ވުރެ ގިނަ މަސް މަރުވެއްޖެ އެވެ. އަދި ދެންތިބި 90 ވަރަކަށް މަސް ވެސް މަރުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޓެލެ ގްރާފުން މިއަދު ބުނީ އިއްޔެ ގޮނޑުދޮށްވި ބޮޑު މަސްތައް އިއްްޔެ ހަވީރުގެ ބޮޑުދިޔާގައި ފުން ކުރުމުގެ މަސައްކަތް ކުރި ކަމަށާއި އެކަން ކާމިޔާބު ނުވެ، އަދި ރޭ ގަނޑަށް ފަހު އެ ސޮރުމެން އިތުރަށް ގޮނޑުދޮށްވެ، ބޮޑަށް ބީހުނީ ކަމަށެވެ.

"މިހާތަނަށް 103 ވޭލު މަރުވެއްޖެ. މިހާރު މަސައްކަތް މިކުރަނީ ބާކީ ހުރި މަސްތައް ސަލާމަތް ކުރެވޭތޯ." ބޮޑު މަސްތައް ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.

ބޮޑު މަސްތައް ސަލާމަތް ކުރުމުގެ މަސައްކަތުގައި 150 ވަރަކަށް ވޮލަންޓިއަރުން ހަރަކާތްތެރިވެ އެވެ. އެ މީހުން މަސައްކަތް ކުރަނީ އެ ސޮރުމެންގެ ގަޔަށް ލޮނު އަޅައި އަދި މަތިން ހިޔާކުރެވޭތޯ އެވެ.

"ނަމަވެސް އަހަރުމެންނަށް ތަޖުރިބާ ކުރެވެނީ ވަރަށް ދެރަކޮށް، ފަހަރަކަށް ފަހު ފަހަރެއް ފެންނަނީ އެ ސޮރުމެންގެ ގައިން ބާރު ދާތަން،" ވޭލްތައް ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސޮރުމެން ފުން ކުރުމަށް މަސައްކަތް ކުރާ މީހުން މާޔޫސް ކުރުވާފައިވާ ކަމަށެވެ.

" އެސޮރުމެންގެ ތެރޭގައި ވަރަށް ގިނަ ޅަ އެއްޗެތި ވެސް އެބަހުރި، އަދި ވަރަށް ގިނަ ޅަ އެއްޗެތި މަރުވެއްޖެ. އެތަން ބެލުމަކީ ކުޅަދާނަ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ހަވީރުވާ ބޮޑުދިޔާގައި ވޭލްތައް ފުން ކުރުމުގެ މަސައްކަތް އިތުރަށް ކުރާނެ ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެއްޖެ ނަމަ ގޮތް ހުސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލުން ވިދާޅުވީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އަށެއްކަ ފަހަރު އެފަދަ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. ނަމަވެސް މިފަދަ އަދަދަކަށް އެ ސޮރުމެން އެއްގަމަށް އެރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑު މަސްތައް އެއްގަމަށް އަރަނީ ހޫނު މޫސުމުގައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލާ އެކު އެ ސޮރުމެން މަސްކެއުމަށް ކުރާ ދަތުރުގައި ބީހި މަރުވަނީ ކަމަށް ވެސް ވެދާނެ ކަމަށެވެ. ނޫނީ ބޮޑުމަހުގެ ބައެއް ގްރޫޕްތައް ބަލިވުމުން އެއްގަމަށް އަރަނީ ކަމަށް ވެސް ވެދާނެ ކަމަށާއި އެކަމުގެ ހަގީގަތް ނެނގޭ ކަމަށެވެ.