14 Feb 2015, 14:33
ތ. ދިޔަމިގިލީ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީގެ އެހީގެ ދަށުން، އެ ރަށު ކައުންސިލުން، އާޓިސަން ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްފި އެވެ.
ދިޔަމިގިލީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް، އާޓިސަން އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެވެ. އެ އެއްބަސްވުމުގައި ދިޔަމިގިލީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ރަށު ކައުންސިލްގެ ރައީސް ނާހިދު އައްބާސް އެވެ. އަދި އާޓިސަން ކޮންސްޓްރަކްޝަންގެ ފަރާތުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުމްތާޒް އިބްރާހިމް އެވެ.
ދިޔަމިގިލީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ދަނޑު ހެދުމަށް އާޓިސަންއާ ހަވާލުކުރެވިގެން ދިޔައީ 4،64،280 ރުފިޔާ އަށެވެ. އަދި އެ ދަނޑުގެ މަސައްކަތް އަންނަ މަހުގެ އެކެއްގައި ފެށުމަށް ފަހު، އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމައި ކައުންސިލާ ހަވާލު ކުރަންވެސް އެ ކޮންޓްރެކްޓުގެ ދަށުން ވަނީ އެއްބަސް ވެފައެވެ.
އޭގެ އިތުރުން އެ މަސައްކަގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި 'ޕިޗް' ހެދުމާއި ވިނަ އިންދުން އަދި ފެންވައިރު ކުރުން ހިމެނިގެން ދާއިރު، އެ މަސައްކަތަށް ބޭނުންވާ ސާމާނު މިމަހުގެ 20 ވަނަ ދުވަހު ދިޔަމިގިއްޔަށް ގެންދެވޭނެ ކަމަށްވެސް އެ ރަށުގެ ކައުންސިލުން މައުލޫމާތު ދިނެވެ.

މަސައްކަތާ ހަވާލުވި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުމްތާޒު އިބްރާހީމް، މިއަދު ސަން އަށް ވިދާޅުވީ، ދިޔަމިގިލީ ފުޓްބޯޅަ ދަނޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެކުންފުނިން ފަށާތާ 15 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނޭ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދިޔަމިގިލީ ކައުންސިލުން ބުނީ، ފުޓްބޯޅަ ދަނޑުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ދަނޑުގެ ފަސްގަނޑު އެއްވަރުކުރުމާއި، ވިނަ އިންދުން ހިމެނޭއިރު، ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކަމަށެވެ. އަދި ފުރަތަމަ ފިޔަވައްސަށް ހަރަދުވާ، 4،64،280 ރުފިޔާ، ޔޫތު މިނިސްޓްރީގެ ފަރާތުން މިހާރު ދިޔަމިގިލީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.