14 Feb 2015, 14:17
ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ބައިވެރިވާ ކުޅިވަރު ތަކާއި އެ ކުޅިވަރުތަކުގައި ބައިވެރިވާ އެތުލީޓުންގެ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުނުމުގައި "ޒިއަސް"ގެ ނަމުގައި ސެންޓްރަލް ޑާޓާ ބޭސް އެއް ތައާރަފް ކުރަން ނިންމައިފި އެވެ.
"ޒިއަސް" އާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މި ތިން ދުވަހު ވަނީ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި ވޯކްޝޮޕެއް ހިންގާފައެވެ. އޮލިމްޕިކް ކޮމިޓީގެ އިސް ބޭފުޅުންނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ދަށުން ހިންގާ އެސޯސިއޭޝަން ތަކުގެ އިސްވެރިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕުގައި އެ ޑާޓާބޭސް މެއިންޓެއިން ކުރާނެ ގޮތުގެ މައުލޫމާތު ދެއްވާފައި ވަނީ ކޮމަން ވެލްތު ގޭމްސް ފެޑަރޭޝަންގެ އިސް ފަރާތްތަކުންނެވެ.
ކޮމަން ވެލްތު ގޭމްސްގެ ފަންޑިން އާއެކު ގާއިމްކުރެވިގެންދާ "ޒިއަސް" ޑާޓާ ބޭސްގެ ސަބަބުން މި އަހަރުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއިން ބައިވެރިވާ އެތުލީޓުންނާއި، ބައިވެރިވާ ގޭމްސްގެ އިތުރުން، އެ އޮފިޝަލުންގެ މައުލޫމާތުވެސް ފަސޭހައިން ލިބެން ހުންނާނެ ކަމަށާއި، އެއީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެ ވޯކްޝޮޕްގެ ބައިވެރިވި ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.
"މީގެ ކުރިން މުބާރާތަކަށް ތައްޔާރު ވާއިރު އަޅުގަނޑުމެން ޖެހޭނީ އެތުލީޓުންގެ މައުލޫމާތު އެއްކޮށް، އޭތި އޮލިމްޕިކް ކޮމިޓީގެ ޑާޓާ ބޭސްއަށް އެންޓާ ކުރަން. އަދި އޭގެ އިތުރުން އެ މައުލޫމާތުތައް މުބާރާތް އިންތިޒާމް ކުރާ ބައިނަލްއަގްވާމީ ފަރާތްތަކަށް ފޮނުވުމަކީވެސް ވަރަށް ވަގުތު ނަގާ ކަމެއް. ނަމަވެސް މި ޑާޓާ ބޭސްގެ ގާއިމް ކުރެވުމުން އަޅުގަނޑުމެނަށް ކޮންމެ އެސޯސިއޭޝަނަކުން ހަމަ އެކަނި ކުޅުންތެރިޔާގެ ނަން ފޮނުވި ނަމަވެސް މި ޑާޓާ ބޭސް މެދުވެރިކޮށް އެހެން ހުރިހާ މައުލޫމާތެއް ލިބޭނެ. އެހެން ކަމުން މުބާރާތަކަށް ތައްޔާރު ވާއިރު އެއީ އަޅުގަނޑުމެނަށް ލިބިގެން ދާނެ ވަރަށް ބޮޑު ފަސޭހައެއް،" ސްވިމިންގް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓެރީ މުހައްމަދު ޝާރިފް އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޭގެ އިތުރުން އޭޝިއަން ގޭމްސް ފަދަ ގިނަ ކުޅިވަރުތަކެއް ހިމެނޭ، ބޮޑެތި މުބާރާތްތަކުގައި ބައިވެރިވާ އެތުލީޓުންގެ މައުލޫމާތު "ބަލްކް"ކޮށް މުބާރާތް ހިންގާ ފަރާތަށް ފޮނުވުމަށް މަގު ފަހު ވެގެން ދާނެ ކަމަށާއި، އެ ޑާޓާ ބޭސް އަކީ "ކްލައުޑް ބޭސްޑް" ޑާޓާ ބޭސް އަކަށް ވުމުން، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މައުލޫމާތު ގެއްލުނަސް ފަސޭހައިން އަނެއްކާވެސް އެ މައުލޫމާތު "ޒިއަސް"އިން ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭން މި އަހަރުތެރޭ ބައިވެރިވާ ބައެއް ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތެރޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ކޮމަންވެލްތު ގޭމްސް، އޭޝިއަން ގޭމްސް، އޭޝިއަން ބީޗް ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސް ފަދަ މުބާރާތްތައް ހިމެނެއެވެ.