ހ. ސޯސަންގެ ހުސްކުރުމާއި ގުޅިގެން ޔުނިވާސިޓީގެ ވެރިންނާއި ފުލުހުން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މިއަދު 10:00 އިން ފެށިގެން އެބައްދަލުވުން ބާއްވާފައިވަނީ ޕޮލިސް ހެޑްކުއާޓާ ކަމަށްވާ ޝަހީދު އާދަމް ބިލްޑިންގްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެބައްދަލުވުމުގައި ބޮޑަށް މަޝްވަރާ ކުރެވިގެންދިޔައީ ސޯސަންގެ ހުސްކުރުމާއި ގުޅޭގޮތުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެކަމާއި ގުޅިގެން ޔުނިވާސިޓީގެ ވެރިންނަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެފަރާތުގެ ބަހެއްވެސް ވަނީ ލިބޭގޮތްނުވެފައެވެ.

ސޯސަންގެ ފުލުހުން ހުސްކޮށްފައިވާއިރު ޔުނިވާސިޓީގެ ވެރިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެގޭގައި ހުރި ތަކެތި ވީތަނެއް ނޭނގޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔުނިވާސިޓީން ކުރިން ބުނެފައިވަނީ 2010 ވަނަ އަހަރު ފެކަލްޓީ އޮފް އިންޖިއަރިން ޓެކްނޯލޮޖީ ހިންގަމުންދިޔަ އިމާރާތުގެ ހުރިހާ ވަސީލަތެއް ސަރުކާރަށް ނެގުމާއި ގުޅިގެންނާއި 2013 ވަނަ އަހަރު އަލަށް އުފެއްދި ފެކަލްޓީ އޮފް ސައިންސްގެ ކޯސްތައް ހިންގަމުން އަންނަ ސޯސަންގެ ކުއްލިގޮތަކަށް ހުސްކުރުމުން އެދެ ފެކަލްޓީގެ ކޯސްތައް ހިންގުން ހުއްޓިފައިވާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ، ސޯސަންގެ ހުސްކުރަމުން ދަނީ އެފަރާތަށް އިމާރާތެއް ދިނުމަށް ފަހު ސޯސަންގެ ހުސްކުރުމަށް ރައީސް އޮފީހުން އެންގެވުމުން ވެސް އެތަން ހުސްކޮށްފައިނުވާތީ ކަމަށެވެ.