ރާއްޖެ ޓީވީ އުފެއްދި މަގުސަދާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، އެ ޓީވީ ސްޓޭޝަންގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އަސްވާޑު) އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަސްވާޑު 'ސަން' އަށް ވިދާޅުވީ، މިހާރުގެ ރާއްޖެ ޓީވީ އަކީ ކުރީގެ ރާއްޖެ ޓީވީ ނޫންކަމަށް ޓީވީގެ ބެލުންތެރިން ގަބޫލުކުރާތީ ބެލުންތެރިންގެ ނިންމުމަށް އިހުތިރާމު ކުރުމުގެ ގޮތުން މަގާމުން އިސްތިއުފާ ދިނީ ކަމަށެވެ. އަދި ރާއްޖެ ޓީވީ އުފެދުނު މަގްސަދާ ހިލާފަށް ކަންކަން ހިންގަން ފެށުމުން އެމަގާމުގައި ހުރުމަކީ އަމިއްލަ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށްވެސް އަސްވާޑު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ ޓީވީ އުފެދުނު މަގުސަދާ ހިލާފުވުމުން " ބަދުނާމެއް ބޮލުގައި އެޅެން ބޭނުންނޫން" ކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ. ނަމަވެސް ރާއްޖެ ޓީވީ އުފެދުނު މަގްސަދާއި، ރާއްޖެޓީވީއަށް އައި ބަދަލުގެ ތަފްސީލެއް އަސްވާޑު ނުދެއްވަ އެވެ.

"މިހާރު ރާއްޖެޓީވީ އާ ކުރީގެ ޓީވީއާ ތަފާތުވެއްޖެކަމަށް ބެލުންތެރިން ފާހަގަކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖ،. އަޅުގަނޑަށްވެސް ގަބޫލުކުރެވޭ ކުރީގެ ރާއްޖެ ޓީވީ ހިންގަމުން އައި އުސޫލުތަކާ ތަފާތުވެއްޖެ ކަން،" އަސްވާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އިސްތިއުފާ ދިނަސް "ގަލަން ދޫކޮށް ނުލާނަން" ކަމަށެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި އަސްވާޑުގެ އިތުރުން އެޓީވީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ވެސް ޓީވީ ދޫކޮށްލުވުމަށް ވަނީ ނިންމާފައެވެ.

ޑެޕިއުޓީ ސީއީއޯގެ މަގާމުން އަސްވާޑު އިސްތިއުފާ ދެއްވާފައިވާއިރު، ރާއްޖެ ޓީވީގެ އެޑްވައިޒަރެއްގެ މަގާމުގައި މިހާރުވެސް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އަދި ރާއްޖެ ޓީވީގެ ބެލުންތެރިން ދަނީ ސޯޝަލް މީޑިއާގައި ރާއްޖެޓީވީ ފިކުރު ބަދަލުވެފައިވާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

އަސްވާޑު އިސްތިއުފާ އާ ގުޅޭ ގޮތުން ސުވާލުދެންނެވުމުން ރާއްޖެ ޓީވީގެ ސީއީއޯ އަކުރަމް ކަމާލުއްދީން ވިދާޅުވީ "އަޅުގަނޑު ހިންގަނީ ވަކި ފިކުރެއްގެ ޓީވީ ސްޓޭޝަނެއް ނޫން، ހުރިހާ ހަބަރެއްވެސް ގެނެސްދޭ ޓީވީ ސްޓޭޝަނެއް" ކަމަށެވެ. އަދި އަސްވާޑު މަގާމުން އިސްތިއުފާ ދެއްވިކަން އެނގިވަޑައިގެންފައި ނުވާކަމަށް އަކްރަމް ވިދާޅުވި އެވެ.