މާލޭ މިސްކިތްތަކުގެ މުދިމުންނާއި އިމާމުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރިފަހުން އިދާރީ މައްސަލަތަކެއް ފެންމަތިވެ އެފަރާތްތަކަށް ލިބެންޖެހޭ މުސާރައިގެ އެއްބައި ނުލިބޭ ކަމަށް އިމާމުން ބުނެފި އެވެ.

އިމާމުން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ މަހު 16 ވަނަ ދުވަހުއެވެ. އޭގެ ކުރިން އިމާމުން ބެލެހެއްޓި މާލޭ ސިޓީ ކައުންސިލުން ވަނީ އެ 15 ދުވަހުގެ މުސާރަ ޖަމާކޮށްދީފައެވެ. ނަމަވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރިފަހުން ވީ 15 ދުވަހަށް އަދިވެސް މުސާރަ އަދި މިހާތަނަށް ޖަމާކޮށްދީފައެއް ނުވެއެވެ.

އިމާމުންގެ ޖަމިއްޔާގެ ސެކްޓަރީ އަބްދުލް ހަމީދު މިއަދު ސަން އަށް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް އިމާމުން ބަދަލުކުރިފަހުން މިވީ ދުވަސްތަކަށް ލިބެންޖެހޭ މުސާރަ މިހާތަނަށް އަދި ލިބިފައިނުވާ ކަމަށެވެ.

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ މުހައްމަދު ދީދީ މިއަދު ސަން އަށް ވިދާޅުވީ، މުސާރަ ނުދެވިގެން އުޅެނީ އިދާރީ މައްސަލައަކުން ކަމަށެވެ. ނަމަވެސް އެކަން ހައްލުކުރަން ފޮނުވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ސިޓީ ކައުންސިލުން މުޅި މުސާރަ ދޭނެ ކަމަށް ހީކޮށްގެން ހުރީ، އެއީ އިދާރީ އޮޅުމެއް،" ދީދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާނެ ކަމަށާއި އަންނަ އާދިއްތަ ނުވަތަ ދުވަހު މުސާރަ ލިބޭ ވަރުވާނެ ކަމަށެވެ.