ފޭސްބުކްގައި ޕްރޮފައިލެއް ނުވަތަ ޕޭޖެއް ހަދައިގެން އުޅޭ މީހަކު މަރުވެއްޖެ ނަމަ، ކުރިން އަމަލުކުރަމުން އައީ ދެގޮތަކަށެވެ. އެއް ގޮތަކީ އެ ޕޭޖެއް ނުވަތަ ޕްރޮފައިލެއް ނައްތައިލުމެވެ. އަނެއް ގޮތަކީ ހަނދާނީ ޕޭޖަކަށް ބަދަލުކުރުމެވެ.

ނަމަވެސް ފޭސްބުކް ކުންފުނިން މިހާރު ވަނީ އޭގެ ބަދަލުގައި އާ އުސޫލެއް ތައާރަފްކޮށްފައެވެ. އެގޮތުން ޕޭޖް ނުވަތަ ޕްރޮފައިލް ހިންގާ މީހާ މަރުވެއްޖެ ހާލަތެއްގައި ހަވާލުކުރަންވީ މީހެއް ކަނޑައެޅޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފޭސްބުކް ޕްރޮފައިލްގެ ސެކިއުރިޓީ ސެޓިން އަށް ގޮސް އެފަދަ މީހަކު ކަނޑައެޅޭ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން ހަވާލުކުރާ މީހަކު ބޭނުން ނަމަ ޕޭޖް ޑީލީޓްވެސް ކޮށްލެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. މަރުވުމަށް ފަހު ޕޭޖް ބެލެހެއްޓުމާ ހަވާލުކުރާ މީހާއަށް ކުރެވޭނީ ޕޭޖްގެ ވެރިމީހާ ހުއްދަ ދީފައިވާ ކަންތައްތަކެވެ. ޕްރައިވެޓް މެސެޖްތަކެއް އެމީހަކަށް ނުބެލޭނެއެވެ. ނަމަވެސް ހުއްދަ ދީފައިވާނަމަ ފޮޓޯތަކާއި ވީޑިއޯތައް ޑައުންލޯޑްކޮށް އާކައިވް ކުރެވޭނެއެވެ. (އޭޕީ)