13 Feb 2011, 17:06
މާލެ އަތޮޅު ތިލަފުށި ހިއްކުމަށް ހެވީލޯޑް މޯލްޑިވްސްއާ ހަވާލު ކުރި 21 މިލިން ޑޮލަރުގެ އެއްބަސަވުން އުވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ތިލަފުށި ކޯޕަރޭޝަނަށް އަންގައިފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ދެންމެ ވިދާޅުވީ އެ ޕްރޮޖެޓް ހުއްޓާލުމަށް މިއަދު ތިލަފުށި ކޯޕަރޭޝަނަށް އެންގެވީ މައިގަނޑު ގޮތެއްގައި ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފެށުމަށް ދެ ފަރާތް އެއްބަސްވެފައިވީ ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ފެށިފައި ނުވުމާއި އެ މަޝްރޫއު ބީލަމަށް ފުރަތަމަ ހުޅުވާލީ، ޕްރޮޖެކްޓް ލިބޭ ފަރާތަކުން ފައިނޭންސް ކުރާ ގޮތަށް ކަމަށާއި ނަމަވެސް ފަހުން ތިލަފުށި ކޯޕަރޭޝަނުން މަޝްރޫއު އަށް ފައިނޭންސް ކުރަން ނިންމި އިރު އެ މަޝްރޫއު އަށް ބީލަން ހުށަހެޅި އެހެން ފަރާތްތަކަށް އެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
ލުތުފީ ވިދާޅުވީ އެ ޕްރޮޖެކްޓް ހުއްޓާލަން އެންގި ސަބަބު މާދަމާ މީޑިއާ އަށް ތަފުސީލުކޮށް އަރުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އޭސީސީގެ ފަރާތުން ތިލަފުށި ކޯޕަރޭޝަންގެ ބޯޑު މެންބަރުންނާ މަޝްވަރާ ކުރި އިރު، ޕްރޮޖެކްޓް އެވޯޑްކޮށްފައި ވަނީ ބޯޑާ މަޝްވަރާ ކުރުމަކާ ނުލައިކަން ވެސް އެނގޭ ކަމަށެވެ.
ލުތުފީ ވިދާޅުވި ގޮތުގައި އެ މަޝްރޫއު އަށް ބީލަން ކުރި ފަރާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތައް ވެސް ހިމެނޭ ކަމަށާއި ތިލަފުށި ކޯޕަރޭޝަނުން ޕްރޮޖެކްޓަށް ފައިނޭންސް ކުރާ ވާހަކަ ކުރިން އެންގި ނަމަ މާ ރަނގަޅު އަގުތައް ލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭސީސީ އިން ބުނި ގޮތުގައި ތިލަފުށި ކޯޕަރޭޝަނަށް އަންގާފައި ވާނީ މަޝްރޫއު އަލުން ބީލަމަށް ލުމަށް ކަމަށާއި ހުޅުވާލެވިފައިވާ ބީލަމުގެ މަރުހަލާއެއްގެ ތެރެއިން އެންމެންނަށް ހަމަހަމަ ފުރުސަތު ލިބޭ ގޮތަށް އެކަން ކުރުމަށެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ޗެއާމަން ކުރައްވާ ހެވީލޯޑް މޯލްޑިވްސްއާ ތިލަފުށިން 130 ހެކްޓަރުގެ ބިން 269.85 މިލިއަން ރުފިޔާ އަށް ހިއްކުމަށް 30 ސެޕްޓެބަރު 2010ގައި ހަވާލުކުރީ ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށާގޮތަށެވެ. ނަމަވެސް ރަސްމީކޮށް މަސައްކަތް ފަށާފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ.
ތިލަފުށީ ފަޅުން 130 ހެކްޓަރު ބިން ހިއްކަން ހެވީ ލޯޑާ ހަވާލުކުރީ، ސަރުކާރުގެ ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީ އިން ހުށަހެޅި 167.4 މިލިއަން ރުފިޔާ އަށް ވުރެ 102.45 މިލިއަން ރުފިޔާ ބޮޑުކޮށެވެ.
ސަރުކާރުގެ 100 ޕަސެންޓް އޮންނަ ތިލަފުށި ކޯޕަރޭޝަންގެ، ކޯޕަރޭޓް އެފެއާޒާ ހަވާލުވެ ހުންނެވި މުހަންމަދު ލަތީފު ކުރިން ވިދާޅުވެފައި ވަނީ ހެވީލޯޑާ މަސައްކަތް ހަވާލުކުރީ އެޑްވާންސްގެ ގޮތުގައި ތިން މިލިއަން ޑޮލަރަށްވާ 38.55 މިލިއަން ރުފިޔާ ދެއްކުމަށް ފަހު ކަމަށެވެ.
ތިލަފުށި ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެއްޓުމުގެ ރަސްމިއްޔާތުގައި ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރިޔާޒު ވިދާޅުވީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވެން ހުރި ކަންތައްތައް ކޮށްދިނުމަށް ކަމަށާއި ހެވީލޯޑަށް އެ މަސައްކަތަތް ހަވާލުކުރީ އެ ކުންފުންޏަކީ އެކަން ކުރުމުގެ ގާބިލްކަން ލިބިފައިވާ ބަޔަކަށް ވާތީ ކަމަށެވެ. އަދި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށެވެ.
"ހެވީލޯޑަށް ޕުރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ނުހިގާ. އެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން." އޭނާ ވިދާޅުވެފައިވެ އެވެ.