ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑު މުހައްމަދު ނާޒިމް ހައްޔަރުކުރުމަށް ނެރުނު އަމުރާއި ބަންދުގެ މުއްދަތު އިތުރު ކުރި އަމުރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުން އަންނަ ހޯމަ ދުވަހަށް އެ ކޯޓުން ތާވަލް ކޮށްފި އެވެ.

ނާޒިމްގެ ފަރާތުން ހުށަހެޅި އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނާޒިމް ހައްޔަރުކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އޭނާ ދިރިއުޅުއްވާ ގެކޮޅު ގ. އެނިފްގައި ހުންނަވަނިކޮށެވެ.

ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ނާޒިމް ހައްޔަރުކޮށްފައި ވަނީ އޭނާގެ ގެއިން ޕިސްތޯލައެއް ފެނުނު މައްސަލަ އާއި ސަރުކާރާ ދެކޮޅަށް ކަންތައްތަކެއް ރާވާކަމުގެ ތުހުމަތުގައި ކަމަށެވެ.

ނާޒިމް ހައްޔަރުކުރުމަށް ނެރުނު އަމުރާއި ބަންދުގެ މުއްދަތު އިތުރު ކުރި އަމުރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅިއިރު ނާޒިމްގެ ބަންދާމެދު ގޮތް ނިންމި މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ރެކޯޑިން ނުވަތަ ލިޔުން ހޯދަން ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.

ކްރިމިނިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)އަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ފުލުހުންގެ ފަރާތުން ނާޒިމްގެ މައްސަލައިގައި އޭނާގެ މައްޗަށް ކުރައްވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ނިންމަވައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މި މަހުގެ ނުވަ ވަނަ ދުވަހު ފޮނުވާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.