14 Feb 2015, 11:06
ކުދި އަދި މެދުފަންތީގެ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ޒުވާނުންނަށް ސަރުކާރުން ދޫކުރާ ލޯނަށް އެދި، މިދިޔަ ދެ ހަފްތާ ތެރޭގައި 93 ފޯމް ހުށަހަޅާފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ.
އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯން ހޯދަން "ގެޓްސެޓް" ސްކީމަށް ފޯމް ހުށަހަޅަން ހުޅުވާލީ މިމަހުގެ އެކަކުން ފެށިގެން މިމަހުގެ ނިޔަލަށެވެ. އަދި ފޯމް ބަލައިގަންނަތާ 48 ގަޑިއިރުގެ ތެރޭގައި ފޯމަށް ޖަވާބުދެ އެވެ.
ގެޓްސެޓް ލޯނު ލިބޭނީ ވިޔަފާރި ފަށާނެ ރަނގަޅު ހިޔާލަކާއެކު މަދުވެގެން ދެ ޒުވާނަކު ފޯމް ހުށަހެޅުމުންނެވެ. އެ ސްކީމަށް ފުރަތަމަ ހަފްތާ ތެރޭގައި 35 ފޯމް ހުށަހަޅާފައިވެ އެވެ.
ޔޫތް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހުސެއިން އަމީން ވިދާޅުވީ، އިއްޔެގެ ނިޔަލަށް ޖުމްލަ 93 ފޯމެއް ހުށަހަޅާފައިވާއިރު، ތިން ފޯމެއް މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި ބާކީ 90 ފޯމް ޕްރޮސެސްކޮށް، ޖަވާބު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނބުރާ ފޮނުވާލާ ފޯމްތަކަށް ވެސް ރަނގަޅު ކުރުމަށްފަހު ފޯމް ބަލައިގަތުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އަލުން ހުށަހެޅޭނެ،" އަމީން ވިދާޅުވި އެވެ.
އެ ސްކީމަށް ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޔޫތް މިނިސްޓްރީގެ މައި އޮފީހުގެ އިތުރުން މާފަންނު ޒުވާނުންގެ މަރުކަޒުންނެވެ. އަދި ގެޓްސެޓް އީމެއިލް (applications[at]getset.mv) އަށް ވެސް އެޕްލިކޭޝަންތައް ފޮނުވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ޕޯސްޓް މެދުވެރިކޮށް ރާއްޖޭގެ އަތޮޅުތެރޭގައި ހުންނަ މޯލްޑިވްސް ޕޯސްޓުގެ ހިދުމަތްދޭ އޮފީސްތައް މެދުވެރިކޮށް ވެސް ފޯމްތައް ހުށަހެޅޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ޔޫތް މިނިސްޓްރީން ބުނީ، ލޯނު ލިބޭ ފަރާތްތަކުން ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭ ތާރީޚަކާއި ދައްކަން ޖެހޭ އިންޓަރެސްޓް ރޭޓެއް ކަނޑައަޅާނީ ވިޔަފާރީގެ ބާވަތާއި، ބޮޑު ކުޑަމިނާއި، ލިބޭނެ ކަމަށް ލަފާ ކުރާ ފައިދާއަށް ބަލައި، ދެފަރާތް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
ވިޔަފާރިތައް އުފެއްދުމަށް ޝައުގުވެރިވާ ޒުވާނުންނަށް ސަރުކާރުން ފެށި 200 މިލިއަން ރުފިޔާގެ އެ ސްކީމުގެ ދަށުން އެންމެ ބޮޑުވެގެން ލޯނުގެ އިންޓްރެސްޓް ރޭޓް އަރާނީ އަށް ޕަސެންޓަށެވެ.