14 Feb 2015, 10:20
ވޮޝިންޓަން (ޑިސެމްބަރު 6): އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެގައުމުގެ ދިފާއީ ވަޒީރަކަށް އައްޔަން ކުރައްވާފައިވާ އެޝްޓަން ކާޓަރަށް ސެނެޓުން ރުހުން ދީފި އެވެ.
ޕެންޓަގަންގެ އިސް މަގާމެއްގައި ކުރިން އުޅުއްްވާފައިވާ އެސްޓަން ކާޓަރު އެމެރިކާގެ ދިފާއީ ވަޒީރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
އުމުރުން 60 އަހަރުގެ ކާޓަރަކީ ޒަމާނީ ހަތިޔާރުގެ ޓެކްނޮލޮޖީއާއި އަސްކަރީ ބަޖެޓްގެ ދާއިރާގެ ތަޖްރިބާކާރެކެވެ.
އެޝްޓަން ކާޓަރަކީ 1976 ވަނަ އަަހަރު ޔީލް ޔުނިވަރސިޓީން ފިޒިކްސްގެ ރޮނގުން މަތީ ތަޢުލީމް ޙާސިލްކުރެއްވުމަށްފަހު އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން އެޕްލައިޑް ފިޒިކްސްގެ ދާއިރާއިިން ޕީއެޗްޑީ ޙާސިލްކުރައްވައި އަދި އެއަށް ފަހު އެމެރިކާގެ ހަވަޑް ޔުނިވަރސިޓީއާއި ސްޓޭންފޯޑް ޔުނިވާސިޓީގައި އެދާއިރާއިން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެއަށްފަހު 1993 އާއި 1996 އާދެމެދު އެމެރިކާގެ ދިފާޢީ ވަޒީރުގެ ނައިބުކަން ވެސް އޭނާ ކުރައްވާފައިވެ އެވެ. އަދި ބިލްކްލިންޓަންގެ ވެރިކަމުގައި އެމެރިކާގެ ނިއުކްލިޔަރ ހަތިޔާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައިވެސް ކާޓަރު އިސްދައުރެއް އަދާކުރައްވާފައިވެއެވެ.
އޮބާމާގެ ވެރިކަމުގައި 2011 ވަނަ އަހަރުން 2013 ވަނައަހަރާ ދެމެދުވެސް ޕެންޓަގަންގެ ވެރިޔާގެ ނައިބެއްގެ ގޮތުގައި އެޝްޓަން ކާޓަރު މަސައްކަތް ކުރައްވާފައިވެ އެވެ. އެޝްޓަން ކާޓަރަށް ދިފާއީ ވަޒީރުކަން ދެއްވުމުގެ ބޭނުމަކީ ޕެންޓަގަންގެ މަސައްކަތްތައް އިސްލާޙް ކުރުން ކަމަށްވަނީ ބެލެވިފަ އެވެ. ޕެންޓަގަންއަކީ އިދާރީ ހިންގުން ދޯދިޔާވުމާއި ކަންތައްތައް ލަސްވުމާއި ބިއުރޮކްރަސީގެ ބޯދާ އުސޫލުތައް ވަރަށް ބޮޑު މުއައްސަސާއެއް ކަމަށްވަނީ ސިފަކުރެވިފައެވެ.
އެހެންކަމުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން ޒަމާނާ އެއްގޮތަށް އިސްލާޙުކޮށް އެތަނުގެ ހިންގުން ހަރުދަނާ ކުރުމަށާއި އެމެރިކާގެ ދިފާއަށާއި ސިފައިންގެ މުއައްސަސާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެޝްޓަން ކާޓަރަކީ އެކަށޭނަ ތަޖްރިބާކާރެއް ކަމަށް އެމެރިކާގެ މީޑިޔާ ސިފަކުރެއެވެ.
އެމެރިކާގެ އައު ދިފާއީ ވަޒީރު އެޝްޓަން ކާޓަރަކީ ހަތިޔާރުގެ ޓެކްނޮލޮޖީއާއި އިދާރީ ހިންގުމުގެ ދާއިރާގައި ފުންނާބު އުސް ބޭފުޅަކަށްވީ ނަމަވެސް އޭނާއަކީ ހަނގުރާމައިގެ ދާއިރާގެ ތަޖްރިބާނެތް ބޭފުޅެކެވެ.
އެޝްޓަން ކާޓަރަކީ ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅެއް ނަމަވެސް އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝް ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކަށް ތާއީދުކުރައްވާ ބޭފުޅެކެވެ. މިގޮތުން އީރާނާމެދު އިތުރަށް ހަރުކަށިވުމަށާއި ފަލަސްތީނުގެ މުޖާހިދުންނާމެދު އިތުރަށް ހަރުކަށިވުމަށް އޭނާ ތާއީދު ކުރައްވާ ކަމަށް ވެއެވެ.
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ސެނެޓުގެ ބޮޑު އަޣުލަބިއްޔަތަކުން ކާޓަރަށް ރުހުންދިނީ އޭނާގެ ހަރުކަށި ވިސްނުމާއި ރިޕަބްލިކަން ޕާޓީގެ އެންމެ ހަރުކަށި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖޯޖްމެކޭން ފަދަ ބޭފުޅުންގެ ތާއީދު އޭނާއަށް އޮތުމުގެ ސަބަބުން ކަމަށް މުރާސިލުން ބުނެއެވެ. މީގެއިތުރުން ރިޕަބްލިކަން ޕާޓީއަކީވެސް ހަނގުރާމައާއި ތަޅާފޮޅުމުގެ ހަރުކަށި ވިސްނުމުގެ ޕާޓީއެކެވެ.
އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޗަކް ހެގްލް މިދިޔަ ޑިސެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ވަޒީރުކަމުގައި އެމެރިކާގެ ދިފާޢީ ބައެއްކަންކަން ބޮއްސުންލުުމުގެ އިތުރުން އެމެރިކާއަށް ކުރިމަތިވެފައިވާ ގައުމީ ސަލާމަތާ ބެހޭ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލެވޭފަދަ ބޭފުޅަކަށް އޭނާ ނުވާތީ މަގާމުން އިސްތިއުފާ ދެއްވުމަށް އޮބާމާ އޭނާއަށް ފިއްތުންތައް ކުރިމަތި ކުރެއްވުމުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ. (އަލްޖަޒީރާ)