14 Feb 2015, 10:24
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ދަރިވަރުން ގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފި އެވެ.
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ "މަފްޓީ ޑޭ" ފާހަގަކުރުމުގެ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް އިއްޔެ ސީއެޗްއެސްއީގެ ދަރިވަރުން ޒިޔާރަތްކޮށް ހަދިޔާ ކުރި ބައެއް ތަކެތީގެ ތެރޭގައި ހާއްސަ އެހީއަށް ބެނުންވާ މީހުން ނިދާ އެނދުތަކުގައި ބޭނުން ކުރުމަށް ބެޑްޝީޓާއި ބާލީސް ފަދަ ތަކެތި ހިމެނެ އެވެ.
އަދި ހަމައެއާއެކު ތުވާއްޔާއި ދަތް އުނގުޅާ ބުރުހާއި ދަތް އުނގުޅުމަށް ބޭނުންވާނެ ބޭހާއި ޝޭމްޕޫ، ކޯލޯން ފަދަ ތަކެތީގެ އިތުރުން ކެއުމަށް ބޭނުންވާނެ ގިނަ އަދަދެއްގެ ތަކެތިވެސް ހަދިޔާ ކޮށްފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ތަކެތި ހަދިޔާކުރުމަށް ސީއެޗްއެސްއީގެ ދަރިވަރުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ގޮސް އެ ތަކެތި ހަދިޔާ ކުރުމަށްފަހު އެ މަރުކަޒުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްފައިވާ ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ސީއެޗްއެސްއީގެ ދަރިވަރުން ހަދިޔާ ކުރި ތަކެތީގެ އަގު 45،000 ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.
މަފްޓީ ޑޭ ފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ބޭނުމަކީ މުޖުތަމައުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ ވެސް ރައްކާތެރިކަމާއި ސަލާމަތާއި އޯގާތެރިކަމާއި ގަދަރާއި ލޯތްބާއި އަޅާލުން ހައްގުވާ ބައެއްކަން ދަރިވަރުންނަށް އަންގައިދީ އެފަދަ މީހުންނާ މެދުގައި ވިސްނާ ޒުވާން ޖީލެއް އުފެއްދުން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
މި ދަތުރުގައި ސީއެޗްއެސްއީގެ 57 ދަރިވަރުންނާއި 6 ބެލެނެވެރިއަކު ބައިވެރިވި އެވެ.