14 Feb 2015, 09:52
"ވެލެންޓައިންސް ޑޭ" ފާހަގަ ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއް ނޫން ކަމަށާއި އެއީ ފާހިޝް އަމަލުތަކަށް އަރައިގަނެވޭ މަގެއް ކަމަށް ޝެއިހް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
"ވެލެންޓައިންސް ޑޭ" އެތައް ބަޔަކު ރާއްޖޭގައިވެސް ފާހަގަކުރަމުންދާއިރު 'ސަން' އަށް ދެއްވި، އިންޓަވިއުއެއްގައި ޝެއިހް އަލީ ޒާހިރު ވިދާޅުވީ، "ވެލެންޓައިންސް ޑޭ" އަކީ ޣައިރު މުސްލިމުންގެ އަޅުކަމާވެސް ގުޅިލާމެހިފައިވާ ދުވަހެއް ކަމަށާއި މުސްލިމުން އެދުވަސް ފާހަގަ ކުރުން އިސްލާމްދީން ހުއްދަ ނުކުރާ ކަމަށެވެ. އެހެންކަމުން އެދުވަހުގެ މުނާސަބަތުގައި "ވިޝް" ކުރުމާއި ހަދިޔާބަދިޔާ ބަދަލު ކުރުމަކީ ހުއްދަކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
""ވެލެންޓައިންސް ޑޭ" ފާހަގަ ކުރުމަކީ އޭގެ ޒާތުގައި ނުރައްކާ ކަމެއް، އެކަން ދީނީ ގޮތުން ހުއްދައެއް ނުކުރޭ." ޝެއިހް ވިދާޅުވި އެވެ.
ޝެއިހް ޢަލީ ޒާހިރު ވިދާޅުވީ، އެފަދަ ދުވަސްތައް ފާހަގަ ކުރުމަކީ ބަދުއަހުލާގީ އަމަލުތަކާއި ފާހިޝްއަމަލުތައް އިތުރުވަމުންދާ ކަމެއް ކަމަށެވެ. އެގޮތުން ދިރާސާތަކުން ދައްކާގޮތުން އެދުވަސް ފާހަގަކުރުމުގެ ތެރެއިން ނަހަމަ ގޮތުގައި ބަނޑުބޮޑުވާ މައްސަލަތައް އިތުރު ކަމަށް ޝެއިހް ވިދާޅުވި އެވެ.
އެފަދަ ކަންކަމުން ދުރުވުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ދަނީ ނަސޭހަތްތެރިވަމުންނެވެ.
އެދުވަސް ފާހަގަކުރުމަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވާއިރުވެސް އަޅުގަނޑުމެންގެ ސައްތައިން ސައްތަ މި އިސްލާމީ ގައުމުގައި ތަފާތު ގޮތްގޮތަށް އެދުވަސް ދަނީ ފާހަގަކުރަމުންނެވެ. ހާއްސަކޮށް ބައެއް ވިޔަފާރިތައް އެކަމަށް ހާއްސަ ކޮށްފައި އެބަހުއްޓެވެ.