14 Feb 2015, 09:31
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރ. މީދޫ އިން ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 85 ސެލޯފިންކޮޅާއެކު 19 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރ. މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެ ހަވީރު 18:05 ހާއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ގިނަ ޢަދަދެއްގެ ސެލޯފިންކޮޅުތައް ފެނިފައިވަނީ، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ ދިރިއުޅޭ ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.