ގާހިރާ (ފެބްރުއަރީ 14): ފަރަންސޭސިވިލާތުގައި އުފައްދާ ހަތިޔާރުގެ ތެރެއިން 5 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްޓަކައި ފަރަންސޭސި ދިފާއީ ވަޒީރު ޖާން އީވް ލޮދްރިޔާން މިއަދު ގާހިރާއަށް ވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ފަރަންސޭސިވިލާތުގެ ދިފާއީ ދާއިރާތަކާ ހަވާލާދީ އެގައުމުގެ މީޑިޔާ ބުނާގޮތުން ލޮދްރިޔާންގެ މިދަތުރުފުޅުގައި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އާއި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ސުބްހީ ސިދްގީގެ އިތުރުން ބޮޑުވަޒީރު އިބްރާހީމް މަހްލަބް އާ ބައްދަލުކުރައްވުމަށް ހަމަޖެހިފައިވެއެވެ. މިސްރުގެ ދިފާއީ ވަޒީރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވާފައިނުވާތީ ދިފާއީ ވުޒާރާގެ ކަންތައްތައް ކުރިޔަށްގެންދަނީ ސީދާ އަބްދުލްފައްތާޙް އައްސީސީގެ ބެއްލެވުމުގެ ދަށުންނެވެ.

މިދިޔަ ހަފްތާގައި ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ވަނީ ފަރަންސޭސިވިލާތުން 5 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ގަތުމަށް މިސްރުން ނިންމާފައިވާކަމަށާއި މިކަމާބެހޭ އެއްބަސްވުމުގައި މިހަފްތާ ކުރީކޮޅު ސޮއިކުރުމަށް ހަމަޖެހިފައިވާކަން އިއުލާން ކުރައްވާފައެވެ. އޮލާންދް ސޮއިކުރައްވައި ފަރަންސޭސި ރިޔާސީ ގަނޑުވަރު އެލިޒޭ އިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގައި އުފައްދާ ރަފާލް މަރުކާގެ 24 އަސްކަރީ މަތިންދާބޯޓާއި އަސްކަރީ މަނަވަރަކާއި ޓޭންކާއި އެނޫންވެސް ބަރުހަތިޔާރު ހިމެނޭގޮތަށް 5 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ގަތުމަށް މިސްރު ސަރުކާރުން އެއްބަސްވެފައިވާ ކަމަށާ މިއެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މިހަފްތާ ފެށޭއިރު ފަރަންސޭސި ދިފާއީ ވަޒީރު ޖާން އީވް ލޮދްރިޔާން ގާހިރާއަށް ވަޑައިގަންނަވާނެ ކަމުގައެވެ.

މިސްރުން ގަންނަ 5 ބިލިޔަން އެމެރިކާ ޑޮލަރުގެ މިހަތިޔާރަކީ އެގައުމުގެ ސިފައިންގެ ހަތިޔާރުތައް އައުކޮށް ޒަމާނީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ގަންނަ ހަތިޔާރުތަކެއް ކަމަށް ފަރަންސޭސި ދިފާއީ ދާއިރާތަކުން ބުނެފައިވެއެވެ.

ފާއިތުވި 30 ވަރަކަށް އަހަރު ތެރޭގައި މިސްރުން މައިގަނޑު ގޮތެއްގައި ހަތިޔާރު ގަންނަމުން ގޮސްފައިވަނީ އެމެރިކާއިން ކަމަށްވިޔަސް ޙުސްނީ މުބާރަކްގެ ވެރިކަން ބަދަލުވުމަށްފަހު މިސްރުންވަނީ ރަޝިޔާއާއި ޗައިނާއިންވެސް ހަތިޔާރު ގަތުމަށް މަސައްކަތް ފަށާފައެވެ. (ނޫސްއެޖެންސީތައް)