މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ވެލިދޫ ގޮފީގެ އިސް ނެގުމުގެ ދަށުން ނ. ވެލިދޫގައި ވޮލީބޯޅަ ކޯޗިންގް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

އެމްޑީއޭގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ ވޮލީބޯޅަ ކޯޗިންގް ކެމްޕުގެ ބޭނުމަކީ އެ ރަށުގެ ޒުވާނުން އެ ކުޅިވަރަށް އަހުލުވެރި ކުރުވައި، ރަށުގެ ޒުވާނުންނަކީ ޒިންމާ ދާރު ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ.

އެ ރަށުގައި ވޮލީބޯޅައިން މޮޅެތި ކުޅުން ތެރިންތަކެއް އުފެއްދުމަކީ ވެސް ކޯޗިންގް ކޭމްޕް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

އެމްޑީއޭއިން ވަނީ އެ ޓްރެއިނިންގް ކޭމްޕްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ވެލިދޫ ގޮތްޕަށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.

އަންހެން އަދި ފިރެހެން ބައިވެރިންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އެ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ވެލިދޫގައި ހުންނަ ނ. އަތޮޅު މަދަރުސާ އަށްވެސް ހުޅުވާލާފައި ވާކަމަށް އައްބާސް ވިދާޅުވިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ އެ ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށެވެ. އަދި އެ ކޭމްޕުގެ ބައިވެރިންނަށް ވޮލީބޯޅައާ ބެހޭގޮތުން ތަފާތު މައުލޫމާތު ދިނުމުގެ އިތުރުން، ޚާއްސާ ޓްރެއިންގް ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

އައްބާސް ވިދާޅުވީ އެ ޓްރެއިނިންގް ކޭމްޕް ކުރިއަށް ގެންދަނީ ވެލިދޫ ޕޮލިސް ސްޓޭޝަނުގެ އިތުރުން އެ ރަށު ކައުންސިލް އިދާރާގެވެސް ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް މިހާރުވެސް އެފަރާތްތަކާ އެކު ކުރިއަށް ގެންދާ ކަމަށާއި، ވެލިދޫގެ ކައުންސިލުންނާއި ފުލުހުންގެ ފަރާތުން އެކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީއޭއިން އިންތިޒާމްކޮށް ހިންގާ ވޮލީބޯޅަ ކޯޗިންގް ކޭމްޕުގައި ބައިވެރިންނަށް އިރުޝާދު ދޭން ހަމަޖެހިފައި ވަނީ މީގެ ކުރިން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގައި ހަރަކާތްތެރިވި ހަސަން (ބުރުންޑި) އާއި އަޝްރަފް (ރަމޫ) އެވެ.

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދާ އެ ކޭމްޕުގެ މަގްސަދަކީ ރާއްޖޭގައި ގައުމީ ފެންވަރެއްގައި ވޮލީބޯޅަ ކުޅޭނެ ވޮލީ ކުޅުންތެރިން އުފެއްދުމެވެ.

ވޮލީބޯޅަ އަކީ މިހާރު ވެލިދޫން ފަނޑުވަމުން ދާ ކުޅިވަރަކަށް ވުމުން، އެ ކުޅިވަރު އަލުން ދިރުވައި، ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަކީ އެމްޑީއޭގެ އަމާޒެއް ކަމަށް އެޕާޓީގެ ކައުންސިލް މެމްބަރު އައްބާސް ވިދާޅުވި އެވެ.

ވެލިދޫ އެމްޑީއޭ ޖަގަހައިގައި ބިލިއާޑާއި ޗެސް، ކެރަމް އަދި ޑާޓްސް ފަދަ އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް އެޕާޓީން ވަނީ ހަމަޖައްސާފައެވެ. އެއީ ވެލިދޫ ޒުވާނުންގެ މެދުގައި އަޚުލާގީ މިންގަނޑުތައް ދަމަހައްޓައި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އެމްޑީއޭ އިން ބުންޏެވެ.

އެމްޑީއޭގެ ކައުންސިލް މެމްބަރު އައްބާސް ވިދާޅުވީ ވޮލީބޯޅަ ކޯޗިންގް ކޭމްޕަށްފަހު ފުޓްބޯޅަ ކޭމްޕެއްވެސް ބާއްވަން ރާވާފައި ވާކަމަށެވެ. އެޕާޓީގެ އެންމެ ބޮޑު އުންމީދަކީ ރަށު ފެންވަރުގެ އިތުރުން އަތޮޅު ފެންވަރުގައިވެސް ކުޅިވަރުގެ ކަންކަން ކުރިއެރުވުން ކަމަށް އައްބާސް ވިދާޅުވިއެވެ.