ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމަށް ތުހުމަތު ކުރާ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ 'ސަން' އަށް ވިދާޅުވީ އިބްތިހާލުގެ މަންމަ އާފިޔާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައި ވަނީ މިރޭ ކަމަށެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އާފިޔާގެ މުއްދަތު މަޖިލީސް މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި އިރު އޭނާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެ މަޖިލީހަށް ނުވައްދައި ވަނީ ބޭރުކޮށްލާފައެވެ.

އިބްތިހާލްގެ އިތުރުން އިތުރު ތިން ދަރިއަކު އާފިޔާގެ ތިބެއެވެ. އިހުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އާފިޔާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފައެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫންކަމަށެވެ.