ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތުގައި ޔާމީނަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގައި ބުނެ، ސުޕްރީމޯޓްގެ ގަޒިއްޔާއަކަށް ހަވާލާދީފައި ވަނިކޮށް އެ މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ސުޕްރީމް ކޯޓަށް ފޮނުވަން ބަންޑާރަ ނައިބުގެ އޮފީހަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

"ޔާމީންގެ ފަރާތުން ކުރާ ދައުވާގައި އަޅުގަނޑުމެން، ދައުލަތުން ސުޕްރީމް ކޯޓްގެ ގަޒިއްޔާއަކާ ހަވާލާދީ ނުކުތާއެއް ފާހަގަކުރީ އެންމެ ފަހުގެ ޝަރީއަތުގައި. އެހެން އޮވައި މިއަދު ސުޕްރީމް ކޯޓުން މި އޮފީހަށް އަންގައިފި އެ ގަޒިޔާގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ސުޕްރީމް ކޯޓަށް އަނބުރާ ފޮނުވައި ދިނުމަށް. އެއީ އިސްލާހު ކުރުމަށް ކަމަށް އަންގާފައި ވަނީ،" ބަންޑާރަ ނައިބު އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ޔާމީންގެ ފަރާތުން ކުރައްވާ ދައުވާގެ މައްސަލައިގައި ސިވިލް ކޯޓުން އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ ސަފާ ޝަރީފް ވިދާޅުވެފައި ވަނީ ޔާމީންގެ ދައުވާ ބިނާކުރައްވާފައި ވަނީ ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމެއްގެ މައްޗަށް ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތާއި ޔާމީންގެ ދައުވާގައިވާ ގޮތް ދިމާނުވާ ކަމަށެވެ.

އެގޮތުން ޔާމީން ހައްޔަރު ކުރި ކަމަށް ދައުވާގައި ބުނެފައި ވަނީ ޖޫން 29، 2010 ގައި ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމުގައި ޔާމީން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައި ވަނީ ޖޫން 30، 2010ގައި ކަމަށް ޝަރީއަތުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެ އެވެ.

ޝަރީއަތުގައި ކުރިން ވަކީލާ ވިދާޅުވީ މި މައްސަލައިގައި ދައުވާކޮށްފައި ވަނީ ގެއްލުމުގެ ބަދަލެއް ހޯދުމަށް ކަމަށެވެ. އެކަމަކު އެގޮތަށް ދައުވާ ކުރާ ނަމަ ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާކަން އޮންނަން ޖެހޭނީ ސާބިތުވެފައި ކަމަށާއި މިހާތަނަށް އެކަން ސާބިތުނުވާ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ޔާމީން ހައްޔަރުކޮށްފައިވާކަން އެއްވެސް ތަނެއްގައި ބުނެފައި ނުވާ ކަމަށެވެ.