ނިއުޒިލޭންޑް ގޮނޑުދޮށަށް 200 ވަރަކަށް ޕައިލެޓް ވޭލް މިއަދު ބީހުމުން، އެ ސޮރުމެން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ގޮނޑު ދޮށަށް ބީހުނު 198 ވޭލުގެ ތެރެެއިން މިހާތަނަށް ވަނީ 24 ވޭލް މަރުވެފަ އެވެ. ޑިޕާޓްމަންޓް އޮފް ކޮންސަވޭޝަނުން ބުނީ ވޭލުތައް ބީހުނު ސަރަހައްދަކީ ގިނަ އަދަދަކަށް ވޭލް ފެންނަ ބީޗެއް ކަމަށެެވެ. އެ ޑިޕާޓްމަންޓްގެ 80 ވަރަކަށް މީހުންނާއި ހިލޭސާބަހަށް މަސައްކަތް ކުރާ މީހުން ބަލަނީ ބޮޑު ދިޔައިގައި އެ ސޮރުމެން ފޫން ކުރެވޭތޯ ކަމަށެވެ. ނަމަވެސް އެހާ ގިނަ އަދަދެއްގެ ވޭލްތައް ގޮނޑުދޮށްވުމުން އެ ސޮރުމެން ފުން ކުރުމަށް ދުވަސް ނަގައިފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ޖަނަވާރުތައް ބޭރު ކުރެވުނު ނަމަވެސް ދިރި ތިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވެސް ކޮންސަވޭޝަން ޑިޕާޓްމަންޓުން ބުންޏެވެ.

ތަޖުރިބާކާރުންނާ ހަވާލާދީ ބީބީސީ އިން ބުނީ ތިލަ ތަންތަނުގައި އެ ސޮރުމެންނަށް ނެވިގޭޓް ކުރަން ނޭނގެނީ ކަމަށާއި އަދި އެ ސޮރުމެން ބީހުމުން އަވިން ފިހި ޑީހައިޑްރޭޑް ވާނެ ކަމަށެވެ. ޕައިލެޓް ވޭލަކީ 20 ފޫޓަށް ބޮޑުވާ އެއްޗެކެވެ. އަދި އެއީ ނިއުޒިލޭންޑް ކައިރީގައި އެންމެ ގިނައިން އުޅޭ ޖަނަވާރެވެ.

ބީބީސީ އިން ބުނީ އެފަދަ ޖަނަވާރުތައް ގޮނޑުދޮށަށް ބީހެނީ ކީއްވެގެންކަން އެނގޭނީ ސައިންޓިސްޓުންނަށް ކަމަށެވެ.