13 Feb 2015, 17:33
ފަސް މީހުންނާއެކު ގެއްލިގެން ހޯދަމުން ދަނިކޮށް، ބަންޑުން ޖަހާލައި އޮއްވާ ފެނުނު ކޮޅުވެއްޓިން ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތުގައި އިންޑިއަން ނޭވީގެ ހާއްސަ ފްލައިޓެއް ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމީހުން ގެއްލިގެން ހޯދާތައި މިއަދަށް މިއީ ހަތަރު ވަނަ ދުވަހެވެ.
އެމްއެންޑީއެފުން ބުނީ، އެ ފްލައިޓަކީ އެ ތިން މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ކުރަމުން ގެންދާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ހަރަކާތްތެރިވާ ފްލައިޓެއް ކަމަށެވެ.
ކޮޅުވެއްޓިން ގެއްލުނު ތިން މީހުން ހޯދުމުގައި އިންޑިއާގެ ފްލައިޓެއް ހަރަކާތްތެރިވަމުންދާއިރު، އެމްއެންޑީއެފުން ދަނީ ހުރަވީ އާއި ވައިގެ މަގުން ވެސް އެމީހުން ހޯދުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.
ކ. ތިލަފުށިން ފުރައިގެން ރ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރ. ދިގިއްޔަށް މުދާ ހިފައިގެން ދިޔަ "ކޮރަލް ކްރާފްޓް" ނަމަކަށް ކިޔާ ކޮޅުވެއްޓި، ގެއްލިގެން ހޯދަމުން ދަނިކޮށް ބ. ގޮއިދޫ ހުޅަނގު ފަރާތު 30 ވަރަކަށް މޭލު ބޭރުން ބަންޑުން ޖަހާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ތިން ދިވެހިންނާއި ދެ ބިދޭސީން މަސައްކަތް ކުރާ އެ ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވާ ސަރަހައްދުން މިހާތަނަށް ފެނިފައިވަނީ ކޮޅުވެއްޓީގެ ދެ ދިވެހިންނެވެ. އެއީ ކޮޅުވެއްޓީގެ ކެޕްޓަން ރ. އަލިފުށީ އަބްދުﷲ ރަޝީދާއި ގދ. ގައްދޫ އަބްދުﷲ މޫސާ އެވެ.