13 Feb 2015, 15:38
ޓެރަރިޒަމްގެ ކުށުގައި މީގެ އަހަރެއްހާ ދުވަސް ކުރިން މިސުރު ޖަލަށް ލި، ކެނަޑާ އަށް ނިސްބަތްވާ އަލްޖަޒިރާ ނޫސްވެރިޔާ މުހައްމަދު ފަހުމީ މިއަދު ޖަލުން ދޫކޮށްލައިފި އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނީ އޭނާ މިނިވަން ކުރީ މައްސަލަ ފަސްކުރުމަށް ފަހު ކަމަށެވެ.
ފަހުމީގެ ބޭބެ އާ ހަވާލާދީ ނޫސްތަކުން ބުނީ ފަހުމީ ދޫކޮށްލީ 33،000 ޑޮލަރުގެ ކަފާލާތެއްގެ ދަށުން ކަމަށެވެ.
ފަހުމީ ޖަލުން ދޫކޮށްލި އިރު އޭނާ އާ އެކު ޖަލަށްލި އަލްޖަޒީރާ ނޫސްވެރިޔާ ބަހާރު މުހައްމަދު ދޫކޮށްލި ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް އެ މީހުންނާ އެކު ޖަލަށްލި އޮސްޓްރޭލިއާ އަށް ނިސްބަތްވާ ޕީޓާ ކްރެސާޓް ވަނީ މީގެ ދެ ހަފްތާ ކުރިން މިނިވަންކޮށް، އޮސްޓްރޭލިއާ އަށް ޑީޕޯޓްކޮށްފަ އެވެ.
ފަހުމީގެ މައްސަލައިގެ އަޑު އެހުމެއް އޮންނާނީ މި މަހު 23 ގަ އެވެ.
އިއްޔެގެ ނިންމުމުން އެނގެނީ ފަހުމީ އާއި މުހައްމަދުގެ މައްސަލަ ކުރިއަށް ގެންދާނެ ކަމެވެ.
ނޫސްތަކުން ބުނަނީ އެ މީހުންގެ މައްސަލަ ކޯޓުން އެއްލާލަފާނެ ކަމަށް ވެސް ބެލެވޭ ކަމަށާއި އަދި ހުކުމަކަށް ފަހު ރައީސް އަބްދުލްފައްތާތު ސީސީ އެ މީހުން މިނިވަން ކުރުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ.
ކައިރޯ އިން ވަނީ އެ މައްސަލަ ނިންމަން ބޭނުންވާ ކަމުގެ އިޝާރާތެއްކޮށްފަ އެވެ. އެއީ އިންވެސްޓްމަންޓް ގެނައުމަށް އަންނަ މަހު ކައިރޯގައި ފަށާ އިކޮނަމިކް ކޮންފަރެންސު ފެށުމުގެ ކުރިން މޫނުމަތި ރީތި ކުރުމުގެ ގޮތުންނެވެ. އަދި ހަމަ ޕާލަމެންޓް އިންތިހާބު ވެސް އަންނަ މަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.