ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ފަދަ އެތައް ބަޔަކު ޖަލުގައި ތިބެން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް އައް ޝައިޚު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އިމްރާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ " ކުރިއަށް މިއޮތް ދުވަސްތަކުގައި ނާޒިމް ފަދަ އެތައް ބަޔަކު ޖަލުގެ ގޮޅިތަކުގައި ތިބެން ޖެހުމަކީ އެކަށީގެންވާ ކަމެއް" ކަމަށެވެ.

އެޓްވީޓްގައި ހޭޝްޓެގެއް ގެގޮތުގައި އޭނާ ބޭނުންކުރައްވާފައި ވަނީ "ޖަސްޓިސްފޯނާޒިމް" އެވެ.


އެ ހޭޝްޓެގަކީ ހަތިޔާރު ގެންގުޅުއްވި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ނާޒިމު ދޫކޮށްލުމަށް ގޮވާލަމުންދާ މީހުން އުފައްދައި ބޭނުންކުރަމުން އަންނަ ހޭޝްޓެގެކެވެ.

ޝައިޚް އިމްރާން މިމޭރުމުން ޓްވީޓްކުރައްވާފައިވާ އިރު ނާޒިމްގެ ގާނޫނީ ޓީމްގައި އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނާޒިމް ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ފަހުން ބުނެފައި ވަނީ ދައުލަތާ ދެކޮޅު އަމަލެއް ހިންގަވަން އިތުރު ބަޔަކާއި އެކު ނާޒިމް ރާއްވަވަމުން ގެންދެވި ކަމަށެވެ.