13 Feb 2015, 15:11
އދ. މަޖިލިސް (ފެބްރުއަރީ 13) : އަރަބި ބައެއް ގައުމުތަކުގައި ހަރަކާތްތެރިވާ ހަރުކަށި ތިން ޖަމާއަތް ކަމަށްވާ އައިއެސް ޖަމާއަތާއި އަލްގާއިދާ އާ އަދި ޖަބްހަތުއްނުސްރާ އާ އަދި މިތިންޖަމާއަތާ ގުޅުންހުރި ފަރާތަކާއެކުވެސް މާލީ އަދި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުން މަނާކުރާ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ.
ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ އިއްތިފާގުން ފާސްކުރި މިގަރާރުގައި މި ތިންޖަމާއަތުންކުރެ ޖަމާއަތަކުން ވަގަށްނަގައި ރަހީނުކުރާ މީހަކު މިނިވަން ކުރުމަށްޓަކައިވެސް އެއިން ޖަމާއަތަކަށް ނޫނީ އެއިންޖަމާއަތަކާ ގުޅިފައިވާ ފަރާތަކަށްވެސް ފިދްޔާ ނުވަތަ ބަދަލެއްގެ ގޮތުގައި އެއްޗެއް ދިނުން މަނާކޮށްފައިވެއެވެ. މިތިން ޖަމާއަތުގެ ތެރެއިން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތަކީވެސް އެޖަމާއަތް އަނެއްޖަމާއަތާ ތަޅާފޮޅައި ހަނގުރާމަ ކުރަމުން ގެންދާ ހަތުރުވެރި ދެ ޖަމާއަތެވެ.
އަނެއްކޮޅުން މިދެ ޖަމާއަތަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށްވެސް ހަނގުރާމަ އިޢްލާންކޮށްފައިވާ ދެ ޖަމާއަތެވެ. މީގެތެރެއިން އައިއެސް ޖަމާއަތަކީ ބޭރުގެ އެކިގައުމުތަކުގެ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެކެވެ. ސޫރިޔާގެ ތެލުގެ އިންޑަސްޓްރީއަށް އަތްގަދަކޮށްފައިވާ މިޖަމާއަތަކީ ސޫރިޔާގެ ތެޔޮ ކަޅުބާޒާރުގައި ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދަމުންގެންދާ ޖަމާއަތެވެ.
އައިއެސް ޖަމާއަތުގެ އަތްދަށުގައިވާ ސޫރިޔާގެ ތެލުގެ މަރުކަޒުތަކުން ވަގަށްނަގާ ތެޔޮ ވިއްކައިގެން ދުވާލަކު ދޮޅު މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް އެޖަމާއަތުން ހޯދާ ކަމަށް އދ. ބުނެއެވެ. ދުނިޔޭގެ އެކި ގައުުމުތަކުން މިޖަމާއަތާ ގުޅޭ ހަނގުރާމަވެރިންނަކީވެސް ސޫރިޔާގެ ތެޔޮވަޅުތަކުން ވަގަށްނަގާ ތެޔޮ ވިއްކައިގެން ލިބޭ ފައިސާގެ އެހީގައި ހޯދާ ހަނގުރާމަވެރިން ކަމަށް އދ. ގެ ރިޕޯޓްތައް ބުނެއެވެ.
ސޫރިޔާގެ ތެޔޮ ވިއްކައިގެން އައިއެސްއިން ބޮޑު އާމްދަނީއެއް ހޯދަމުން ގެންދާއިރު އެޖަމާއަތާ ވިޔަފާރީގެ މުޢާމަލާތްތައް ކުރާކަމުގެ ތުހުމަތު ހުޅަނގުގެ ގައުމުތަކުގެ ބައެއް ކުންފުންޗެއްގެ މައްޗަށްވަނީ ކުރެވިފައެވެ. އަދި ހަތިޔާރު އުފައްދާ ޔޫރަޕްގެ ބައެއް ކުންފުނިތަކުންވެސް ސިއްރިޔާތުގައި ބޮޑުއަގުގައި އައިއެސްއަށް ހަތިޔާރު ވިިއްކާ ކަމަށް ތުހުމަތު ކުރެވޭއިރު މިކަން މަނާކުރުމަށް ހުޅަނގުގެ ސަރުކާރުތަކުން ސީރިޔަސް ގޮތެއްގައި މަސައްކަތް ނުކުރާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)