13 Feb 2015, 15:03
މެކްސިކޯ ސިޓީ (ފެބްރުއަރީ 13): އެމެރިކާގެ ހައްދު ފަހަނަޅާފައިވާ މީހަކު އެގައުމުގެ މުސްލިމް އާއިލާއަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާއަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަޅާލައްވާފައިނުވާތީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އޮބާމާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މެކްސިކޯއަށް ކުރައްވާ ދަތުރުފުޅެއްގައި އެގައުމުގެ ރައީސް އެންރިކީ ބިނީނާ ނިޔުޓޯ އާ އެކު މެކްސިކޯސިޓީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އުދްރުޣާން ވިދާޅުވީ އޮބާމާ އާއި އެމެރިކާގެ އިސްވެރިންނަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންކަން ސާބިތުކޮށް ދެއްވުމަށްޓަކައި އެޖަރީމާ ކުށްވެރި ކުރައްވަންޖެހޭ ކަަމުގައެވެ. މި ޓެރަރިސްޓް ޙަމަލާއާގުޅިގެން އެމެރިކާގެ މުސްލިމުންނަށް އިންސާފާއި ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް މަަސައްކަތްކުރެއްވުމަށްވެސް އޮބާމާއަށާއި އޭނާގެ ނައިބު ޖޯބައިޑެން އަށް އުރުދުޣާން ގޮވާލެއްވިއެވެ.
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނޯތު ކެރޮލީނާގައި ދިރިއުޅޭ މުސްލިމް އާއިލާއެއްގެ ތިން މީހުންގެ ގަޔަށް ބަޑިޖަހައި އެމީހުން މަރާލާފައިވަނީ އިސްލާމް ދީންދެކެ ނަފްރަތުކުރާ އެމެރިކާގެ ޣައިރު މުސްލިމެއްކަމަށްވާ ގްރީގް ހިގްސް ނަމަކަށްކިޔާ މީހެކެވެ. މި ޓެރަރިސްޓް ޙަމަލާގައި މަރާލާފައިވަނީ އުމުރުން 23 އަހަރުގެ ޟިޔާ ބަރަކާތާއި އޭނާގެ އަންހެނުން އުމުރުން 21 އަހަރުގެ ޔުސްރު އަބޫސާލިޙާ އާއި ޔުސްރުގެ އަންހެން ކޮށްކޮ އުމުރުން 19 އަހަރުގެ ރޮޒާން އަބޫސާލިޙާއެވެ. މީގެތެރެއިން ޟިޔާ ބަރަކާތަކީ ޑަކްޓަރީކަން ކިޔަވަމުންދާ ދަރިވަރަކަށްވާއިރު އޭނާގެ އަންހެނުން ޔުސްރަކީވެސް މިއަހަރުގެ ޚަރީފު މޫސުމުގައި މެޑިސިން ފެކަލްޓީއަށް ވަނުމަށް ޕްލޭސްމެންޓް ލިބިފައިވާ ދަރިވަރެކެވެ.
އެމެރިކާގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭ އަރަބި ދަރިކޮޅުގެ މިއާއިލާ ނިސްބަތްވަނީ ސޫރިޔާއާއި ފަލަސްތީނަށެވެ. މިތިން ޒުވާނުންގެ ގަޔަށް ބަޑިޖަހައި މަރާލާފައިވަނީ އެމެރިކާގެ މަޝްހޫރު ނޯތްކެރޮލައިނާ ޔުނިވަރސިޓީގެ ކައިރީގައި ހުންނަ އެ އާއިލާ ދިރިއުޅޭ ގެއަށް ގްރީގް ހިގްސް ނަމަކަށް ކިޔާމީހާ ހަތިޔާރު ހިފައިގެން ވަދެ އެމީހުންގެ ބޮލަށް ބަޑިޖަހައިގެންނެވެ. މިދިޔަ ބުދަދުވަހު އެމެރިކާގައި ހިނގި ޓެރަރިޒަމްގެ މިއަމަލަށް އެމެރިކާގެ މީޑިޔާއިންވެސް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. ނަމަވެސް މުސްލިމަކު ދިން ޓެރަރިސްޓް ޙަމަލާއެއްގައި އެމެރިކާގެ ދޮން ނަސްލުގެ ބަޔަކު މަރުވިނަމަ ކަންތައްތައްދާނީ މިއާ މުޅިން ޚިލާފަށްކަމަށް ހުޅަނގުގެ ބައެއް ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.
ނޯތްކެރޮލައިނާގެ ޓެރަރިސްޓް ޙަމަލާ ކުށްވެރި ކުރައްވައި އެމެރިކާގެ މުސްލިމުންގެ ދިފާޢުގައި ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް ވިދާޅުވީ އެމެރިކާއަކީ އެއްވެސް ދީނަކަށް އަދި ނަސްލަކަށް ނުބަލައި ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރާ ގައުމެއްކަމަށް ބުނާއިރު އެކަން އެމެރިކާގެ ވެރިންނަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ. އުުރުދުޣާންެގެ ވާހަކާފުޅުގައި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ގެންގުޅޭ އިސްލާމީ ގައުމުތަކަށް އިސްވެ ޙަމަލާދިނުމުގެ ހަރުކަށި ސިޔާސަތުތަކަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި އިރާގާއި ސޫރިޔާއާއި ޔަމަނާއި ޕާކިސްތާނާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގައިވެސް ޓެރަރިޒަމްގެ ޝިކާރައަކަށްވަމުންދަނީ މުސްލިމުން ކަމަށް އުުދުޣާން ވިދާޅުވިއެވެ. މީގެކުރިން އުރުދުޣާން ދެއްވި ބަޔާނެއްގައި އިސްރާއީލަކީވެސް ޓެރަރިސްޓް ދައުލަތެއްކަމަށް ސިފަކުރައްވާފައިވެއެވެ.
އިސްރާއީލުގެ އިތުރުން މެެދުއިރުމަތީގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ އައިއެސް ޖަމާއަތާއި އަލްގާއިދާފަދަ ޖަމާއަތްތަކުގެ ޝިކާރައަކަށް ވަމުންދަނީވެސް މުސްލިމުންނެވެ. މިފަދަ ޖަމާއަތްތަކުގެ ހަމަލާތައްވެސް އިސްރާއީލަށް ނޫނީ އެމެރިކާއަށް އަމާޒުކުރުމުގެ ބަދަލުގައި އަމާޒުކުރަނީ މުސްލިމުންނަށެވެ. އަދި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުވެސް އެގައުމުގެ ސިފައިން ބޭނުންކުރައްވަނީ އިސްރާއީލާދެކޮޅަށް ހަނގުރާމަ ކުރުމުގެ ބަދަލުގައި އެގައުމުގެ ރައްޔިތުންނާ ހަނގުރާމަ ކުރެއްވުމަށެވެ. (ނޫސްއެޖެންސީތައް)