13 Feb 2015, 11:17
އެމެރިކާގެ އަލްބާމާގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އިންޑިއާ މީހަކަށް އެއްވެސް ކަމަކާ ނުލައި ހަމަލާދިން އެމެރިކާގެ ފުލުހަކު އެގައުމުގައި ހައްޔަރުކޮށްފިއެވެ.
އުމުރުން 57 އަހަރުގެ ސްރޭޝްބާއީ ޕަޓޭލް ނަމަކަށް ކިޔާ އެމީހާއަށް އެރިކް ޕާކާ ނަމަކަށް ކިޔާ ފުލުސް މީހާ ދިން ހަމަލާގެ ސަބަބުން ސްރޭޝް ވަނީ ވާގިނެތިފައެވެ.
ޕާކަރު ހައްޔަރުކުރިކަން އަލަބާމާގެ ފުލުހުން އިއުލާނު ކުރީ އޭނާ ސްރޭޝްއަށް އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވުމުންނެވެ. ވީޑިއޯ އާއްމު ވުމުން ސްރޭޝްއަށް އަނިޔާ ކުރި މައްސަލާގައި އެމެރިކާގައި ދިރިއުޅޭ އިންޑިއާމީހުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެމައްސަލަ ތަހުގީގުކުރުމަށް އެމެރިކާ ސަރުކާރަށް ގޮވާލާފައިވާ ކަމަށް އެގައުމުގެ ދަ ހިންދޫ ނޫހުން ބުންޏެވެ.
އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ޕާކާއާއި އެހެން ފުލުހަކު ވެގެން ސްރޭޝް ވަރަށް ބާރަށް ބިންމައްޗަށް ވައްޓާލާ މަންޒަރެވެ. އަދި އެއަށް ފަހު އޭނާ އަތުގައި ބިޑިއެޅުވުމަށް ފަހު ނެގި އިރު ސްރޭޝް އެއްވެސް ހަރަކާތެއް ނެތި އޮންނަ ތަން ވީޑިއޯއިން ފެނެއެވެ.
އެމެރިކާ ފުލުހުން ކުށެއް ނެތް މީހުންނަށް ހަމަލާދީ މެރުމުގެ ހާދިސާތައް ވެސް ފަހަކަށް އައިސް ވަނީ ގިނަވެފައެވެ.