13 Feb 2015, 09:37
ދެ އަންބަށް އިނުމަކީ އަސާސީ ހައްގެއް ނޫން ކަމަށް ބުނެ، އިންޑިއާގެ މުސްލިމުން ދެ އަންބަށް އިނުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މަނާކޮށްފި އެވެ.
އިންޑިއާގެ އިންޓަނޭޝަނަލް ބިޒުނަސް ޓައިމުން މިދިޔަ ހަފްތާގައި ބުނީ އެ ގައުމުގެ ސުޕްރީމް ކޯޓުން އެ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ އިންޑިއާގައި އެ މީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަން ކަމާއި މިނިވަން ވިސްނުން ގެންގުޅުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 25 ވަނަ މާއްދާ އިން ލިބިދޭ ކަމަށާއި ނަމަވެސް ގިނަ އަނބިންނާ އިނުމުގެ މިނިވަންކަން ގާނޫނު އަސާސީ އިން ނުދޭ ކަމަށެވެ.
އެކަކާ އިނދެގެން ހުރެ ދެވަނަ މީހަކާ އިން މީހަކު އުއްތަރަ ޕްރަދޭސްގެ ވަޒީފާ އަކުން ވަކި ކުރި މައްސަލަ އަށް ވެސް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ފުދުން ތެރިކަން ހުންނަ މީހުން އެކަކަށް ވުރެ ގިނަ މީހުންނާ އިނުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. ނަމަވެސް އަނބިންގެ މެދުގައި މަސްލަހަތު ގާއިމު ނުކުރެވޭ ނަމަ ބޮޑަށް ބާރުއަޅަނީ އެކަކާ އިނދެގެން އުޅުމަށް ކަމަށް އިންޑިއާގެ ނޫހުން ބުންޏެވެ.
ކޮމަން ގްރައުންޑް ނިއުސް ސާވިސް އިން ބުނީ އިސްލާމް ދީނުގައި ގިނަ އަނބިންނާ އިނުމުގެ މައްސަލަ ހުއްދަ ކުރައްވާފައި ވަނީ އެ ޒަމާނުގައި އަންހެނުންނާއި ކުދިންގެ ރައްކަލަކަށް ކަމަށެވެ. ފިރިހެނުންގެ ހައްގެ ގޮތުގައި ނޫން ކަމަށެވެ.
ކޮމަން ގްރައުންޑް ނިއުސް ސާވިސް އިން ބުނީ، ދެ އަންބަށް އިނުން ހުއްދަ ކުރައްވާފައި ވަނީ ގްރުއާނުގެ ހަތަރު ވަނަ ސޫރުގެގައި ކަމަށެވެ. އަދި ބުނީ އެކަން ހުއްދަވުން، އުހުދު ހަނގުރާމަ އަށް ފަހު މުސްލިމުންގެ އެތައް ފިރިހެނުންނެއް މަރުވެ، އެތައް އަންހެނަކު ހުވަފަތްވެ، އެތައް ކުދިންނެއް ޔަތީމުވުމާ ގުޅުން ހުރި ކަމަށެވެ.