ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ މަޖިލީސް މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ލަސްތަކެއް ނުވެ ޕީޕީއެމްއަށް ސޮއިކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ނިހާނު ވިދާޅުވީ، ވަރަށް އަވަހަށް ޕީޕީއެމްގެ ޖަލްސާއެއް ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޖަލްސާގައި އެ ދެ މެމްބަރުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ހަމަ ވަރަށް އެކަށީގެންވާ ކަމެއް އެ ޖަލްސާގައި ވެސް އެމްޑީޕީއާ ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަކީ،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ، ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން މިހާރުވެސް ސަރުކާރާ ވާހަކަދައްކަމުން އަންނަ ކަމަށާއި އެ މެމްބަރުން ބޭނުންވަނީ އެބޭފުޅުންގެ ދާއިރާގެ ރަށްތައް ތަރައްގީވާން ކަމަށެވެ.

ދައުލަތުގެ ބަޖެޓަކީ 24.34 ބިލިއަން ރުފިޔާ ކަމުގައިވާއިރު އޭގެތެރެއިން ހަ ބިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ އުމްރާނީ ތަރައްގީއަށް ކަމަށާއި އަދި 3.2 ބިލިއަން ރުފިޔާ "ޑޮމެސްޓިކް ފައިނޭންސް" ގެ ގޮތުގައި ޚަރަދުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އެ ބޮޑު އުންމީދު ދޫކޮށްލާފަ ސަރުކާރު ވައްޓާލާކަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ މަޖިލީސް މެމްބަރުން ނުނިކުންނާނެ،" ނިހާނު ވިދާޅުވި އެވެ.

ނިހާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން މިރޭ ބޭއްވި އެއްވުމެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވީ ޕީޕީއެމްގެ މަޖިލީސް މެމްބަރުންތަކެއް އިދިކޮޅު ކޯލިޝަނާ ގުޅޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅެނީ ސަރުކާރު ގޯސްވުމުން ކަމަށާއި ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމުން ކަމަށެވެ.