12 Feb 2015, 23:59
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންނަށް އެހީވުމަށް ސެންޓަރު ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގެ ދަރިވަރުން އެއްދުވަސްތެރޭ 45،000 ރުފިޔާ އެއްކޮށްފި އެވެ.
ސީއެޗްއެސްސީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ، މުޖުތަމައުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީވުމަށް ކޮންމެ އަހަރަކު އެ ސްކޫލުން "މުފްތީ ޑޭ" ގެ ނަމުގައި ހަރަކާތެއް ހިންގާ ކަމަށެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ހިންގި ހަރަކާތުން ލިބުނު 45،000 ރުފިޔާ މިއަހަރު ހަދިޔާކުރަން ހަމަޖެހިފައިވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަށް ސްކޫލުގެ ކޮންމެ ދަރިވަރަކު ވަނީ 20 ރުފިޔާ ހަދިޔާކޮށްފައި. މީގެ އިތުރުން ސްކޫލަށް ހެޔޮއެދޭ ފަރާތްތަކުންނާއި ކުރީގެ ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުގެ އިސްވެރިންވެސް ވަނީ ފައިސާ ހަދިޔާކޮށްދީފަ. މީގެ އިތުރުން، ފައިސާ ހޯދުމަށް މާޝްމެލޯ ކަހަލަ ބައެއް ކާއެއްޗެހި ވެސް ވިއްކިން،" ސޮފޫރާ ވިދާޅުވި އެވެ.
ޕްރިންސިޕަލް ވިދާޅުވީ، އެ ހަރަކާތުން ލިބުނު ފައިސާއިން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށާއި އެމީހުންނަށް ބޭނުންވާ ބައެއް އެއްޗެހި ގަނެ، ހަދިޔާކުރާނެ ކަމަށެވެ. އަދި އެ ތަކެތި ހަދިޔާކުރުމަށް ސްކޫލުގެ އިސްވެރިންނާއެކު 56 ދަރިވަރަކު މާދަމާ ގުރައިދޫއަށް ޒިޔާރަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަރުކަޒުގައި ތިއްބަވާ ކޮންމެ ބޭފުޅަކަށް އަޅުނގަޑުމެން ބާލީހަކާއި ބެޑްޝީޓަކާއި ބެޑް ކަވަރެއް ދޭނެ. އެ އެއްޗެހި އަޅުނގަޑުމެންދޭނީ މަރުކަޒަށް. ދެން ހަމަ ކޮންމެ ބޭފުޅަކަށް ފްރުޓް ބާސްކެޓަކާއި ބައެއް ކުދި ކާއެއްޗިއްސާއި ޓޮއިލެޓްރީސް ހަދިޔާކުރާނެ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
މީގެ އިތުރުން، މަރުކަޒުގައި ތިބޭ މީހުންނާ އެކު އެއްގަޑިއެއްގައި ކައި އެ މީހުންގެ ނިޔަފަތި ކަނޑައިދީ ބޯކޮށައިދިނުމާއި ޕެޑިކިއު އަދި މެނިކިއުގެ ހިދުމަތް ދޭނެ ކަމަށް ސޮފޫރާ ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންނަކީ ވެސް މުޖުތަމައުގެ ބައެއްކަން ދަރިވަރުންނަށް އަންގައިދީ، އެފަދަ މީހުންނަށް އަޅާލަން ދަސްކޮށްދީ އެކަމަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ހިންގާ މުފްތީ ޑޭގެ ހަރަކާތުގެ ދަށުން ސީއެޗްއެސްސީގެ ދަރިވަރުން މިދިޔަ އަހަރު ވަނީ އިމާދުއްދީން ސްކޫލުގައި ކިޔަވަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގާތަށް ޒިޔާރަތްކޮށް ވަގުތު ހޭދަކޮށްފަ އެވެ.