ހެންވޭރު ވުޑްބެރީ ރެސްޓޯރެންޓް ކައިރީގައި މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެފަދަ މައްސަލައެއް މިރޭ 11:10 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މާރާމާރީގައި ޒުވާނަކު ޒަހަމްކޮށްލާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް ޒަހަމްވި ޒުވާނާއަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމްތަކެއް ކަމެއް އަދި އޭނާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި މާރާމާރީ ހިންގުމުގައި ތޫނު އެއްޗެއް ބޭނުން ކޮށްފައިވާ ކަމެއް ވެސް ސާފެއް ނުވެއެވެ.

މީޑީއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.